މަދިރިން ރައްކާތެރިވުމަށްޓަކައި ސާފުކުރުމުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މުޅި ރާއްޖޭގައި މަދިރި ނައްތާލުމަށް ކުރިއަށްގެންދާ ޤައުމީ ކެމްޕެއިން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
"މަދިރިން ރައްކާ" ނަމުގައި ކުރިއަށްދާ ޤައުމީ ހަރަކާތް ފަށްޓަވައިދެއްވާ ނައިބު ރައީސް ވިދާޅުވީ، މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ވީނަމަވެސް، ފައިލެރިއާފަދަ ބައެއް ބަލިތައް ފެނުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
އެހެންކަމުން އެފަދަ ބަލިތަކަށް ޚާއްޞަ އަހަމިއްޔަތުކަމެއްދީ މުއައްސަސާތަކުން ފެށި މި ޤައުމީ ކެމްޕެއިނަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާޙަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ މި ކެމްޕެއިނަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސާފުކުރުމުގެ ޙަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ތާރީޚުގައި އަޅުގަނޑުމެން ވަނީ އެކަން އެގޮތަށް ދައްކައިދީފައި. އިޖުތިމާޢީ މިންގަނޑަށް ފެތޭނެ ގޮތަށް ތަންތަން ބެހެއްޓުން މުހިންމު. މަދިރި އާލާ ނުވާގޮތަށް ތަންތަން ބެހެއްޓުމަށް ސަމާލުކަން ދެއްވާ.
– ނައިބު ރައީސް ވިދާޅުވިއެވެ.
"މަދިރިން ރައްކާ" މި ކެމްޕެއިނަކީ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ގިނަ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޤައުމީ ހަރަކާތެކެވެ.