އާ އަހަރު ފާހަގަކުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ 5 ރަށެއްގައި ހަވާއެރުވުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އައު އަހަރު ފާހަގަކުރުމަށް ހަވާއެރުވުމާއި ލޭޒާ ޝޯއެއް ބާއްވަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ބަޑިބޭހުގެ ކުޅިވަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މާލެ ސިޓީ ހިމެނޭހެން މީހުން ދިރިއުޅޭ 5 ރަށެއްގައެވެ. އެރަށްތަކަކީ:
މާލެ ސިޓީގެ އިތުރުން ކ. މާފުށި، ކ. ތުލުސްދޫ، ކ. ދިއްފުށީގެ އިތުރުން އއ. ތޮއްޑޫއެވެ.
މީގެއިތުރުންވެސް އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގެ 85 ރިސޯޓެއްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. ހަވާއެރުވުމާގުޅޭ ފަރިތަކުރުންތަކެއް ރޭވަނީ ހުޅުމާލޭގައި ބާއްވާފައެވެ.
އޭގެވެސް އިތުރުން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024″ގެ ނަމުގައި މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެ ތޭރޭގައި ލޭޒާ ޝޯއެއްވެސް ހިމެނިގެންދާއިރު، ދިވެހި އާޓިސްޓުންނާއި އެކި ހުނަރުތަކުގެ ފަންނާނުން ހުށަހެޅުންތައް މި ފެސްޓިވަލުގައި ފެނިގެންދާނެއެވެ.
ވަރަށް ކުލަގަދަކޮށް އޮންނާނީ، ވަރަށް ގިނަ އިވެންޓުތައް އޮންނާނެ، ފެސްޓިވަލް ހަވީރު ފެށޭނީ، ރޭގަނޑު ހަވާ އަދި ލޭޒާ ޝޯ އަކާ އާޓިސްޓުންގެ ހުނަރުތައް ދައްކާލުން އޮންނާނެ.
އަސްވާޑު ވިދާޅުވިއެވެ.
މި ހަރަކާތްތަކުގެ އިތުރުން، މިމަހު 31 ވަނަ ދުވަހުގެ ހަވީރު ކުޑަކުދިންގެ އާއިލީ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ. ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024 އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.