ރާއްޖޭގައި މިހާރު ފެތުރެމުންދާ ފައިލޭރިއާއަކީ ރާއްޖެއަށް "އިމްޕޯޓު" ވެފައިވާ ބައްޔެއް ކަމަށާއި، އެބަލި ރާއްޖޭގައި ފެތުރޭތީ ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގައި ހެލްތު މިނިސްޓަރ ޑރ. އަބުދުއްﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ ޑރ. އަބުދުالله ޚަލީލު މިހެން ވިދާޅުވީ ”މުކައްބާ“ގެ ނަމުގައި އާ ސޯޝަލް މީޑިއާ ކެމްޕޭނެއް އިފްތިތާހު ކުރުމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ، ފައިލޭރިއާ ފެތުރެނީ ވަރަށް ގިނަ ފަހަރު މަދިރި ހަފައިގެން ކަމަށާއި، އެންމެ ފަހަރަކު ބޭސް ދިނުމުން ދެން އެބަލި ޖެހިފައިވާ މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ނުފެތުރޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރޭގައި ބަލި ކޮންންޓްރޯ ކުރެވޭނެ ވަސީލަތްތައްވެސް އެބަހުރި ކަމުގައެވެ.
އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިނުގަންނަވާށޭ، ރާއްޖޭގެ ސިއްޚީ ނިޒާމުގެ ތެރެއިން ރައްޔިތުން އުފެދިދާނެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް މަސައްކަ ކުރައްވަމުން އެބަ ގެންދަވާ. ކަންބޮޑުނުވާށޭ އަޅުގަނޑު މިދެންނެވީ އަޅުގަނޑުމެން ދިވެހިންވެސް ޓެސްޓުކޮށްފިން އެންމެ ބޮޑަށް މި ފެތުރިފައި އޮތްކަމަށް ފާހަގަކުރެވޭ ރަށް ކުޅުދުއްފުށީގައި، 155 ދިވެހިން އަޅުގަނޑުމެން ޓެސްޓުކުރިއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވުން، އޭގެން މި ދައްކައިދެނީ މި ބައްޔަކީ ރާއްޖެއަށް އިމްޕޯޓްވެފައި ހުރި ބައްޔެއްކަން.
ޚަލީލު ވިދާޅުވިއެވެ.
ޚަލީލު ވިދާޅުވީ މި ބައްޔަށް ޓެސްޓު ކުރެވޭނެ ކިޓާއި ބޭސް ރާއްޖޭގައި އެބަހުރިކަމުގައެވެ. އަދި އިތުރު ބޭހާއި ކިޓްތައް ހޯދުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުން ގެންދާ ކަމަށާއި، ޑަބްލިޔުއެޗްއޯ އާއި ދިވެހި ރެޑް ކްރެސެންޓުން ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮންޓްރޯލިން މެކޭނިޒަމް އަޅުގަނޑުމެންތެރޭގައި އެބަހުރި އެންމެ ފަހަރަކު މި ބޭސް ފޮރުކޮށްދޭން މިޖެހެނީ އެހިސާބުން އެމީހެއްގެ ފަރާތުން އެބައްޔެއް ވާރުތަވެގެން ނުދާނެ.
ޚަލީލު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ވިދާޅުވެފައެވެ.