ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަން ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ މޮންޓަނޭގްރޯގެ ތިން ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރެޓިކް މޮންޓެނޭގްރޯއަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫޙް އާލާކުރުމަށް އެޕާޓީގެ ލީޑަޝިޕުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ. ހަމައެހެންމެ، ޑިމޮކްރަސީއަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއްކަމާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިހާބެއް ރާއްޖޭގައި ފުރަތަމަ ބާއްވާފައި ވަނީ ވެސް 2008 ވަނަ އަހަރުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދެ ގައުމަކީ އެއް ގައުމުން އަނެއް ގައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެ ގައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް ގައުމު ކުރިޔަށް ގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާއާއި އެކުގައިކަށާއި އަދި ސަރުކާރު އޮތީ ރެޔާދުވާލު ހުއްޓުމެއްނެތި، ރައްޔިތުންނަށް ވެފައިވާ އެ ވައުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ތައްޔާރަށްކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅެއްގައި މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގަންނަވައެވެ.