ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ގަލޮޅު ދަނޑުގައި ރޭކުޅުނު މެޗުގައި ސަސް ވަނީ މޮޅު ކުޅުމެއްދައްކައި، އީގަލްސްގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. މެޗްގައި ފެނުނު ހަމައެކަނި ގޯލު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ބިދޭސީ ފޯވާޑް ވިކްޓަރ ރޮޑްރީގޯސް މުނޯޒުއެވެ. އޭނާ ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗްގެ13ވަނަ މިނެޓްގައި އީގަލްސްގެ ނާއިމް މުޙައްމަދަށްވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަގަނޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ރާއިފް ހަސަން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ގޯލް ކުރިމަތީގައި ހުރެފައި ނާއިމަށް ފޮނުވާލެވުނީ ގޯލްގެ މަތީދަޑިމަތިން ބޭރަށެވެ. މެޗްގެ 24ވަނަ މިނެޓްގައި ސަސްގެ އަދުހަމް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ވިކްޓަރ ޖަހަން މަސައްކަތް ކުރިނަމަވެސް، ވިކްޓަރގެ ބޮލުގައި ޖެހިފައިދިޔައީ ބޭރަށެވެ.
މެޗު އަނބުރާލަން އީގަލްސް އަށް ރަނުގެ ފުރުސަތުތަކެއް ފަހުން ލިބުނެވެ. އަނެއްކޮޅުން މެޗުގެ ކުރީކޮޅު ޖެހުނު ލަނޑާ އެކު ސަސް އިން އެ ލީޑު ދިފާއުކުރަން ރަނގަޅު ޑިފެންސިވް މަސައްކަތެއް ކުރި އެވެ. ކުލަބް އީގަލްސްއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަށް ހުއްޓުވާފައިވަނީ ސަސްގެ ބިދޭސީ ކުޅުންތެރިންކަން ފާހަގަކޮށްލެވުނެވެ.
ކޮމެންޓު ފޮނުވާ