ޝިފާއު އަށް މަރުގެ އިންޒާރު ދިނުމުން މަޖިލިހުން ކުށްވެރިކޮށްފި

ޝިފާއު އަށް މަރުގެ އިންޒާރު ދިނުމުން މަޖިލިހުން ކުށްވެރިކޮށްފި

Author
އަހުމަދު
19 ޑިސެމްބަރ 2023 11:23
0

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރު ދިން މައްސަލަ މަޖިލިހުގެ އިދާރާ އިން ކުށްވެރިކޮށްފިއެވެ.

މަޖިލިހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާއު އަށް މަރުގެ އިންޒާރު ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ޝިފާއު އަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެ މައްސަލަ ބަލައި ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދިފާއީ ވުޒާރާގައި ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ޝިފާއު އަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް، އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރު ދިނުން ކުށްވެރި ކުރައްވާ ކަމަށެވެ.

ޝިފާއު އަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާ ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދީފައިމިވަނީ، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅުއްވާފައި ވަނިކޮށެވެ. އެ އިސްލާހު މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މި އިސްލާހު ފާސް ކުރުމުގެ ކުރިން މިއަދުގެ ޖަލްސާގައި ޝިފާއު ވިދާޅުވީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.