ސަރުކާރާއެކީ އަންނަ މޭޔަރަކު ކުރަން އޮން ކަމަކީ ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުން ކަމުގައި، އެކަން ހަގީގަތަކަށް ހެދޭނީ ސަރުކާރާއެކީ މަސައްކަތް ކުރެވޭނެ މޭޔަރެއް އިންތިޚާބު ކޮށްގެން ކަމުގައި ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ބޭއްވި މޭޔަރުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ސަރުކާރާ އެކުގަ އަންނަ މޭޔަރެއްގެ ޒިންމާއަކީ ސަރުކާރުގެ ޓޯޓަލް ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭންގެ ވިޝަންގެ މާލޭ ކެޕިޓަލް ތަންފީޒުކުރުން ކަމުގައެވެ.
މާލެއަކީ ގާތްގަޑަކަށް ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް %50 މީހުންނަށް މީހުންނަށް، އެއާވެގެން ތިބި ބޭރު މީހުންނާ ކިޔަވަން އަންނަ ދިވެހު ކުދިންނާ، ބޭސްވެރިކަމަށް އަންނަ މީހުންނާ މާލެއަށް ވިޔަފާރި ކުރަން އަންނަ މީހުންނާ، މިހުރިހާ އެންމެންނަށް ވީމަ ރާއްޖޭގެ މާލެއަކީ މީ އެންމެ ބޮޑު މައްސަލަ. މާލޭގަ ހުރި ބޮޑެތި މައްސަލަތައް ހައްލު ނުވެއެއް ރާއްޖޭގަ ހުރި ބޮޑެތި މައްސަލަތައް ހައްލެއް ނުވާނެ. އެކަން ގަބޫލުކުރައްވާ.
އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ސަރުކާރަށް ކުރެވޭނެކަމަކީ ޕްލޭންތައް ހެދުން ކަމަށާއި، އެކަން ފެންނާން އެބަހުރި ކަމުގައެވެ. އޭނާ ވިދާޅުވީ މާލޭ ސިޓީއަކީ ސަރުކާރަށް ޖަވާބުދާރީ ކުރުވަން އޮތް ތަނެއް ނޫންކަމަށާއި، ކައުންސިލްތަކަކީ ޚިދުމަތް ދޭން އޮތް ތަނެއް ކަމަށާއި އެކަން ކުރެވޭނީ ސަރުކާރާއެކީ މަސައްކަތް ކުރެވޭނެ މޭޔަރަކު އިންތިޚާބު ކުރެވިގެން ކަމުގައެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.
މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި ފުރަހަނި ޝުއައިބުއެވެ.
ކޮމެންޓު ފޮނުވާ