ގދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ގދ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހިމެނެއެވެ. އަދި އަތޮޅުގެ އެކިރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ރޭވިފައިހުރި މަޝްރޫޢުތައް ނުހުއްޓި ކުރިޔަށްގެންދިއުމާއި އަތޮޅުގައި ހުރި ފަޅުތަކާއި ފަޅުރަށްތަކުގެ ނަފާ އެންމެ ފުރިހަމަގޮތުން ލިބޭނެ ގޮތްތަކަށް ކަންކަން އިންތިޒާމުވުމުގެ މުހިންމުކަމާއި އަދި އަތޮޅަށް އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުން ގެނައުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އަތޮޅުކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެއަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި ގދ އަތޮޅުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންނާއި މަޝްވަރާކުރެވިގެންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވިކަންކަމުގައި ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.