ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރުމާބެހޭ ކަންކަމާއި ގުޅޭގޮތުން މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ އިސްލާހަށާއި، ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުން މިހާރު އާންމު ކޮށްފައިވާ މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައިވާ ވާގޮތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހަށް އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ. އަދި އޭގެ އިތުން ވަޒީރުންނަށް ރުހުން ދިނުންވެސް ވަނީ އެޖެންޑާގައި ހިމަނާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރައްވާފައިވާ 22 ވަޒީރުންވެސް ވަޒީރު ކަމުގެ ޝަރުތު ހަމަވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހައިގެން ރުހުން ދޭށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ބޭނުމެއް ނުވެއެވެ. އެހެނަމަވެސް ބައެއް މެމްބަރުންގެ މި ނިންމުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީން ނިންމާފައިވާ ގޮތެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމަށް ރައްޔިތުންގެ މަޖިލިހުގައި އަމަލު ކުރުމަށް މަޖިލިސް ގަވާއިދުގައި އެކަށައަޅާފައިވާ އުސޫލުތަކަށް ލުއިގެނެސް، އެކަމާއި ގުޅުހުރި މާއްދާތައް އިސްލާހު ކުރުމަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރި އަލީ އާޒިމްއެވެ.
މި އިސްލާހުގެ ތެރޭގައި ރައީސްއާއި ނައިބު ރައީސް ވަކި ކުރުމާއި ގުޅުންހުރި މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، ބައެއް ކަންކަމަށް ވަގުތުތަކެއް ކަނޑައެޅުން ހިމެނެއެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިހާރު ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވާލާ ފާސްކޮށްފައިވާ ގަވާއިދުގެ 41 ވަނަ ބާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމުގެ އުސޫލުތައް ކަނޑައަޅާ އުސޫލުތަކަށް ގެނައުމަށް ކޮމިޓީން ފާސްކޮށްފައިވާ އުސޫލުތަލުގެ ތެރޭގައި، ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި، މުއްދަތުތަކެއްވެސް ވަނީ އެކަށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރައީސްއާއި ނާއިބު ރައީސް ވަކިކުރުމުގެ ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވަން ލާޒިމް ކުރުމުގެ އިތުރުން، ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުމަށް ލާޒިމް ކުރުން ހިމެނެއެވެ.
އޭގެ އިތުތުން އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު ކަމަށް ކަނޑައަޅާ، ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން 30 މިނެޓު ކަނޑައެޅުންވެސް ހިމެނެއެވެ. ހަމަ އެއާއެކު، ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދިއުމުގެ ފުރުސަތު ރައީސް އާއި ނާއިބު ރައީސް ދޭންވެސް އިސްލާހުގައި ވަނީ ފުރުސަތު ދީފައެވެ.
ރައްޔިތުންގެ މަޖިލިހށް ހުށަހަޅާ ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށެވެ.
7 މެމްބަރުންގެ ކޮމިޓީގެ ޒިންމާއަކީ މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން މަގާމުގައި ހުންނަ ބޭފުޅަކު ވަކިކުރުމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތުންކުރެ ހާލަތަކަށް ފެތޭ ބެލުމެވެ. އެގޮތުން މައްސަލައާއި ގުޅުންހުރި ހެކި ލިބެން ހުރިތޯ ކޮމިޓީން ބަލަން ޖެހެއެވެ. މައްސަލަ ދިރާސާކުރާއިރު ވެސް ރައީސް އަށް ނުވަތަ ނައިބު ރައީސްއަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައި ވެއެވެ.
ރައީސްއާއި ނާއިބު ރައީސް ވަކި ކުރުމާއި ގުޅޭގޮތުން ގާނޫނު އަސާސީގެ 100 މާއްދާގައި ބުނެފައިވާ ގޮތް:
އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ އެވެ.
1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުން.
2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުން.
3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި މިހާރުވެސް ވާގޮތުން، ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. ކޮމިޓީން މިމާއްދާއަށް ބަދަލު ގެނެސްފައެއް ނުވެއެވެ.
އެހެންނަމަވެސް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރައީސްއާއި ނާއިބު ރައީސް ވަކިކުރުމުގެ ގަރާރަށް މަޖިލީހުގައި ބަހުސްކޮށް މައްސަލަ ކޮމިޓީއަށް ލިބުމުން، އަމަލުކުރާންޖެހޭނެ ގޮތާއި ރިޕޯޓު މަޖިލީހުގެ ރައީސް އަށް ލިބުމުން އަމަލު ކުރާންޖެހޭނެ ގޮތްތަކަށްވެސް ބަދަލު ގެނެސްފައި ވެއެވެ.
އޭގެ ތެރޭގައި، ފަސް ދުވަސްތެރޭގައި މައްސަލަ ތަހުގީގުކޮށް ރިޕޯޓު މަޖިލީހުގެ ރައީސްއަށް ފޮނުވުން ލާޒިމް ކުރުމުގެ އިތުރުން، މަޖިލީހުގެ ރައީސްއަށް ރިޕޯޓު ލިބޭތާ ދެ ދުވަސްތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް ބޭއްވަން ލާޒިމް ކުރުންވެސް ހިމެނެއެވެ.
ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މިހާރު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.