ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއްކަމަށް އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއްގެ ގޮތުގައި އޮތް ބަރަހަނާ ވެބް ސައިޓްތައް މިސަރުކާރުން މިވަނީ ބްލޮކްކޮށްފައެވެ.
އެކަމަށް ތަޢުރީފްކުރައްވާ މަހްލޫފް ވިދާޅުވީ، ބަރަހަނާ ސައިޓްތަކުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުންކަމަށާއި،. މިމުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރުއަދާކުރާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މިއި އޮރިޔާން މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ރާއްޖޭގައި ހެދި ފުރަތަމަ ފަހަރެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ދިރާގުގެ ނެޓްވާކްގެ ތެރެއިން ބަރަހަނާ ގިނަ ވެބްސައިޓްތަކަށް މިހާރު ނުވަދެވޭއިރު، އެ ކުންފުނިންވެސް އަދި މިކަމާއި ގުޅޭގޮތުން މީޑިއާއަށް އަދި މައުލޫމާތު ދީފައެއް ނުވެއެވެ.
ރާއްޖޭއިން ބްލޮކް ކުރާންޖެހޭ ސައިޓްތައް ބްލޮކު ކުރަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ނުވަތަ މުވާސަލާތީ ކަންކަން ރެގިއުލޭޓްކުރާ އިދާރާއިންނެވެ. އަދި މީގެ ކުރިން އެ އިދާރާއިން ބައެއް ވެބްސައިޓްތައް ބްލޮކު ކޮށްފައި ވެއެވެ.
ކޭމްގެ އިސް ބޭފުޅަކު "ޚަބަރު އޮންލައިން" އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، ސަރުކާރުން އަންގައިގެން ވެބްސައިޓްތައް އެއިދާރާއިން ބްލޮކް ކުރާ ކަމަށެވެ. އެހެންނަމަވެސް، އޮރިޔާން މަންޒަރު ދައްކުވައިދޭ ވެބްސައިޓްތައް ބްލޮކް ކުރުމާ ގުޅޭ މައުލޫމާތު ދޭން އޭނާވަނީ ދެކޮޅު ހަދާފައެވެ.
ކޮމެންޓު ފޮނުވާ