އިންތިޚާބު ވެއްޖެނަމަ މަދުވެގެން ތިންމަހުން އެއްމަހު ކައުންސިލްގެ ޓައުން ހޯލް ބައްދަލުވުންތައް ބާއްވާނަން: އާޒިމް

އިންތިޚާބު ވެއްޖެނަމަ މަދުވެގެން ތިންމަހުން އެއްމަހު ކައުންސިލްގެ ޓައުން ހޯލް ބައްދަލުވުންތައް ބާއްވާނަން: އާޒިމް

ގުޅުންހުރި

ކުރިޔަށް އޮތް، މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، މަދުވެގެން 3 މަހުން 2 މަހު ކައުންސިލްގެ ޓައުން ހޯލް ބައްދަލުވުންތައް ބާއްވާނެ ކަމުގައި، އެމްޑީޕީގެ ޓިކެޓުގައި މާލޭސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ، އެމްޓީސީސީގެ ކުރީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ސޯސަން މަގުގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ އޭނާގެ އިންތިޚާބު ވެއްޖެނަމަ ކުރިޔަށް ދާނީ ރައްޔިތުންގެ ލަފާ އަހައިގެން ކަމުގައެވެ.

އަޅުގަޑުމެންނަށް މިހާރު ފާހަކުރެވިގެން މިދަނީ.. ކައުންސިލްތަކުގެ އާދޭސް ކޮށްގެން، މާލޭ ސިޓީ ކައުންސިލްގެ އާދޭސްކޮށްގެން ނޫނީ ޚިދުމަތެއް ލިބެނީކީއެއް ނޫން. އަޅުގަޑުމެން ރައްޔިތުން ނުޖެހޭ ޚިދުމަތް ހޯދަން އާދޭސް ކުރާކަށެއް. އަޅުގަޑުމެން ކައުންސިލާ ހަވާލުވެ، ރައްޔިތުން އާދޭސް ނުކޮށް ޚިދުމަތް ލިބޭނެ އިންތިޒާމްތައް އަޅުގަޑުމެން ހަމަޖައްސާ ދޭނަން.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވަލު ދޮރާޝިން ވަދެގެން ކަންތައްތައް ކުރާ އުސޫލު ނައްތާލާނެ ކަމަށާއި، މަގާމާ ހަވާލުވުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީއާއި، ކުރާ ޚަރަދާއި، ކައުންސިލުން ކޮށްފައިވާ އެއްވަސްވުންތަކާއި، ބުމުގެ ތަފްސީލުތައް ފުރަތަމަ މަސްދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމުގައެވެ.

އާޒިމް ވިދާޅުވީ ކަމެއް ކުރިއަރުވަން ބޭނުންވާނަމަ، ރައްޔިތުންގެ ލަފާ ހޯދަން ޖެހޭނެކަމަށާއި، ކުރާ ކަންކަމުގައި ދެފުށް ފެންނަން ޖެހޭނެ ކަމަށެވެ.

ރޭގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅަކީ މިވަގުތަށް އޮތް އޮޕްޝަނެއް ނޫން ކަމަށެވެ.

މިއަދުގެ ސަރުކާރުން ކުރަންވީ ކަމަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލް އަޅާފައި އެ ތަނަށް ދެވޭ ގޮތް ހެދުން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކަން އުޅެނީ "އަނެއް ތިރީސް އަހަރު" ރައްޔިތުން "ގަނަތަޅުވުމުގެ" ސިޔާސަތުގެ ދަށުންނެވެ.

"ފުށިދިއްގަރު ފަޅަށް ދާން ޖެހޭނީ ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑު ހުރަސްކޮށްފައި. އެއީ ވާދޫ ކަނޑު. އެއީ ބަރަވެލި ކަނޑު ކަހަލަ ވަރަށް ވަރުގަދަ ކަނޑެއް. މި ތަން ހިއްކުން ވާނީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމަށް. ރައްޔިތުންގެ ފައިސާ އިސްރާފު ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނަން." އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކައިގައި ވަނީ މާލެ ސަރަހައްދުން ހިއްކާފައި ހުރި ބިންތައް އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ ބައެއް ވައުދުތައް:

– މާލޭގައި ހިތްފަސޭހަ ޕާކްތަކެއް ހެދުން.
– މާލެއަށް އެތެރެކުރެވޭނެ ވެހިކަލްގެ އަދަދާ މެދު ގޮތެއް ނިންމުން.
– ކައުންސިލަށް ލިބޭ އާމްދަނީ އާއި އެ ނޫން ކަންކަން ހާމަކުރުން.
– ތިން މަހުން އެއް މަހު ޓައުން ހޯލް ބައްދަލުވުންތައް ބޭއްވުން.
– އާދޭސްކޮށްގެން ހިދުމަތް ހޯދަން ޖެހުން ނިމުމަކަށް ގެނައުން.
– މާލެ ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ކުރުން.

މާލޭގެ މޭޔަރު ކަމަށް އާޒިމްގެ އިތުރުން ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.

އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވެވިއެވެ.

މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެވިއްޖެނަމަ މާލެއަކީ ޗާލު ނަލަ ތަނަކަށް ހައްދަވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ