ލީގުގައި ވާދަކުރަނީ ތިންވަނައިގަ ތެރޭގައ ހިމެނުމަށް ނޫންކަމަށާއި ލީގުގައި ވާދަކުރާނީ އެއްވަނަ މަގާމު ހޯދުމަށް ކަމަށް ޔުނައިޓެޑް ވިކްޓަރީ ކޯޗު މުޙައްމަދު އާދަމް ބުނެފިއެވެ.
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު އާދަމް ބުނީ ނޮވެމްބަރު އެއް ވަނަ ދުވަހު ޕްރެކްޓިސް ފެށުނީއްސުރެ އެޓީމުން ތައްޔާރުވަމުން އައީ މާޒިޔާ މެޗަށް ކަމަށާއި، މިއަދުގެ މެޗުގެ ކުރިން މާޒިޔާއިން ވާދަވެރި މެޗެއް ކުޅެފައި އޮތުމަކީ ޔުނައިޓެޑް ވިކްޓްރީ އަށް ލިބޭނެ ގެއްލުމެއް ނޫންކަމަށެވެ.
މި ފަހަރު ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓުގެ ޓާގެޓަކީ ގަދަ ތިނެއް ތެރޭގައި އެ ޓީމު އޮތުމެވެ. އެކަމަކު މުޙައްމަދުގެ އުންމީދު އެއަށްވުރެ މައްޗެވެ.
"އަޅުގަނޑު ބުނާހިތެއް ނެތް ޓޮޕް ތުރީ އެކޭ. އަޅުގަނޑު ބޭނުމީ ހަމަ ލީގު ނަގަން. ދޮގުނުހަދާ ތެދަށް ބުނަންޏާ ހަމަގައިމުވެސް ވަން ޓޫ އަށް ވުރެން ދަށަށް ދާކަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނޫން. އެ ޓާގެޓަށް ރީޗު ނުވިއްޔާ ނާކާމިޔާބެއް ކަމަށް އަޅުގަނޑު ގަބޫލުކުރާނަން،"
– މުޙައްމަދު
ޔުނައިޓެޑް ވިކްޓްރީ އިން މި ސީޒަނުގައި ކުޅޭނީ ވަރަށް ރީތި ފުޓްބޯޅައެއް ކަމަށާއި، މިދިޔަ އަހަރާ އަޅާބަލާއިރު އެޓީމުން ތަފާތުތަކެއް ފެންނާނެކަމަށް ކޯޗު ބުންޏެވެ. އޭނާ އިތުރަށް ބުނީ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ވެސް ނުކުންނާނީ މޮޅުވާން ކަމަށާއި، މާޒިޔާ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
"މި ނުކުންނަނީ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވާން. މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ. މާޒިޔާއާ ކުޅޭއިރުގަ ހުންނާނެ ތަންކޮޅެއް އުނދަގޫ ކަންތައްތަކެއް"
– މުޙައްމަދު
މި ސީޒަނަށް ޓީމު ތައްޔާރުކުރުމުގައި ޔުނައިޓެޑް ވިކްޓްރީން އޭނާ ބޭނުންވާ ފުޓްބޯޅަ ކުޅެވޭނެ ފަދަ ކުޅުންތެރިން ކަމަށްވާ އިސްމާއީލް އީސަ (މެސީ) އާއި މުޙައްމަދު އާރިފް (ބަކާ) ގެނެސްފައިވާތީ ފަސޭހަތަކެއް އެބަހުރި ކަމަށް މުޙައްމަދު ގަބޫލުކުރެ އެވެ.
ކޮމެންޓު ފޮނުވާ