އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ސީ.އެޗް.އެސް.އީގެ ހަތަރު ދަރިވަރަކަށް ދީފި

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ސީ.އެޗް.އެސް.އީގެ ހަތަރު ދަރިވަރަކަށް ދީފި

Author
ހުސެއިން
09 ޑިސެމްބަރ 2023 08:24
0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މެރިޓް އެވޯޑު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގެ ހަތަރު ދަރިވަރަކަށް އިއްޔެ ދީފިއެވެ.

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާރކްސް ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑާއި އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑާޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000ރ ގެ އެލަވެންސެއް އެއްއަހަރު ދުވަހަށް ދެވިގެންދާނެއެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މިކަމަށްޓަކައި އިއްޔެ ސީ.އެޗް.އެސް.އީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ސީ.އެޗް.އެސް.އީގެ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ.  މި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. މިއަހަރު އެވޯޑު ހާސިލްކުރި ހަތަރު ދަރިވަރުންނަކީ:

  1. އިބްރާހިމް ރިފާއު
  2. ހަސަން ލާޔާން މުހައްމަދު
  3. އަފާފް އަހުމަދު މުސްތަފާ
  4. އައިޝަތު އީޝަލް އަހުމަދު އަސްލަމް

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއެވޯޑަކީ އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ކުންފުނިން ކުރާ ހޭދައެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގައި އާ ހިއްވަރެއް ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެއަރޕޯޓުގައި މިވަގުތު ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުތަކާއި އެކު އެކަމަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށާއި ކުރިމަގުގައި ސީ.އެޗް.އެސް.އީ ނިންމާ ދަރިވަރުން އެ ވަޒީފާތަކަށް ކުރިމަތިލާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކުންފުނީގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކުރެވޭ އިންޓަރންޝިޕް ޕްރޮގްރާމެއް ތައާރަފްކުރެވި އެ ފުރުސަތު ހުޅުވާލާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް އައިޝަތު ޞަފޫރާ ވިދާޅުވީ، މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ކުންފުންޏަކުން އިސްނަގައިގެން އެފަދަ އެވޯޑެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. މިފަދަ އެވޯޑެއް ސުކޫލަށް ތައާރަފްވެގެން ދިއުމުން އެވޯޑު ހާސިލްކުރި ކުދިންގެ އިތުރުން ދެން ތިބި ދަރިވަރުންނަށް ވެސް ކިޔެވުމާއިގެން ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިގެން ދާނެކަމަށް ސަފޫރާ ފާހަގަކުރެއްވިއެވެ. އަދި އެމް.އޭސީ.އެލް އިން މިފަދަ ކަމެއް ސްކޫލަށް ތައާރަފް ކުރިކަމަށްޓަކައި ސަފޫރާ ވަނީ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑުގެ އިތުރުން އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑަށް ފައިސާގެ އިނާމު އެމް.އޭ.ސީ.އެލް އިން ދަނީ މިއަހަރުން ފެށިގެން ދެމުންނެވެ. އަދި މިކަން 3 އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި މިއަހަރުގެ ޖުލައި މަހުގައި އެމް.އޭ.ސީ.އެލް އާއި ސީ.އެޗް.އެސް.އީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި އެ ކުންފުނިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.