މުޅި ރާއްޖެއިންވެސް، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް މުޅި ރާއްޖެއިންވެސް އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވި ކެނޑިޑޭޓަކަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު ވެވަޑައިގެންފިއެވެ.
ފަލާހު، އިނގުރައިދޫ ދާއިރާގެ 2024ގެ މަޖިލިސް އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅުއްވި ފޯމާއި މިއަދު ހަވާކުވެވަޑައިގަތީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްއެވެ.
ފަލާހުއަށް އިނގުރައިދޫ ދާއިރާގެ ބޮޑު ތާއީދެއް އޮންނައިރު އެދައިރާގެ ގިނަ އަދަދެއްގެ ބަޔަކުވެސް ދަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅެމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.
ދާދިފަހުން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށްފަހު ފަލާހު ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒުގެ ވެރިކަން ދިފާއުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށާއި، ސިޔަސީ ގޮތުންނާއި ހުރިހާ ގޮތަކުންވެސް ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢު ކުރުމުގައި ވަފާތެރިކަންމަތީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި މުޅި ރ. އަތޮޅުވެސް ވަނީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައިކަމަށާއި، މުޅި ރ. އަތޮޅުގެ 15 ރަށުގެ ރައްޔިތުންވެސް ތިބީ ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢުކޮށް އެމަނިކުފާނުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރިއަށް ދާންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހުވަނީ މީގެ މަހެއްހާ ދުވަސްކުރިން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ފައްޓަވާފައެވެ. މަޖިލިސް ކެމްޕޭން ފެއްޓެވުމަށްފަހު ފަލާހު ވިދާޅުވެފައިވަނީ މަޖިލިހުގެ ކުރިޔަށް އޮތް ދައުރަށް ކުރިމަތިލައްވަން ގަސްތު ކުރެއްވީ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށާއި، ދާއިރާގެ ބޮޑު ތާއީދަކާއެކީ އިންތިޚާބުކުރި ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއްބާރުލުން ދިނުމަށްވެސް ރައްޔިތުން ބޭނުންވާ ކަމުގައެވެ.
ފަލާހު ކުރިޔަށް އޮތް ދައުރުގައި އިނގުރައިދޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު އޭނާވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ޑރ. މުއިއްޒުއަށް ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާވަނީ "ދިވެހީންގެ ރާއްޖެ" ކެމްޕޭންގެ ރ. އަތޮޅުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބުރާހިމް ފަލާހުއަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް އަރިސް ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ