ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން. --- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އެމްޑީޕީ މެމްބަރުން ދެއްވައިފި

ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އެމްޑީޕީ މެމްބަރުން ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެ، އެކިއެކި ވަޒީފާތަކުގައި ތިބޭ މުވައްޒަފުން ވަކިކުރަމުންދާ ނަމަ، ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ދެއްވައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެނާއި ބޮޓްލިން ޕްލާންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި މައްސަލަ އަށް ބަހުސް ކުރެއްވި މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެމެރިކާގެ ރައްޔިތުންނާއި އިނގިރޭސި ވިލާތުގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުން ކެބިނެޓަށް އައްޔަންކޮށްފައި ފެނަކައިގައި މަސައްކަތް ކުރާ ދިވެހި ރައްޔިތުން ކަނޑައި ގެއަށް ފޮނުވާލާ ތަން ބަލަން ނުތިއްބަވާނެ ކަމަށެވެ. މި ސަރުކާރުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރަކަށް އައްޔަނު ކޮށްފައި ހުރީ ވެސް އެހެން ގައުމެއްގެ ރައްޔިތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިހެން މި ދަންނަވަން ޖެހުނީ، ގަދަ ކަމެއް ކަމަށް، މޮޅު ކަމެއް ކަމަށް ދެކި މަޖިލިހަށް ސީވީ ފޮނުއްވި ބައެއް މިނިސްޓަރުންގެ ސީވީ މަތީގައި ބޮޑު އަކުރުން ތިމަންނައަކީ އިނގިރޭސި ވިލާތުގެ ރައްޔިތެކޭ ބުނަނީ. މިވަރަށް ބުރާންތި އަރާފައި ތިއްބެވި މިނިސްޓަރުން ގެނެސް ވަޒީފާ ދީފައި ކޮންމެ ދުވަހަކު ދިދަ ނަގައިގެން ކާރު ދުއްވަން އަންގާފައި އަތޮޅު ތެރޭގައި ބުރަ މަސައްކަތް ކުރާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި އައިސް ޕްލާންޓާއި ބޮޓްލިން ޕްލާންޓްގެ ހިދުމަތްދޭން ތިބި ރައްޔިތުން ކަނޑާ ގެއަށް ފޮނުވާލާފައި ކާކަށް ވެރިކަން ކުރަން؟" އަނދުން ހުސެއިން ވިދާޅުވިއެވެ.

އަނދުން ހުސެއިން ވިދާޅުވީ ވަޒީރުންނަށް ރުހުން ލިބޭނީ ރައްޔިތުން މަގާމުތަކުގައި ބައިތިއްބައިގެން ކަމަށެވެ. އެއީ ގައުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވެސް ވިދާޅުވީ ވަޒީފާތަކުގައި މިހާރު ތިބި މުވައްޒަފުން ކަނޑާނަމަ، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ބައެއް މެމްބަރުންނަށް ދަތި ކަމަކަށް ވާނެ ކަމެއް ކަމަށެވެ. ފެނަކަ އާއި އެހެން އެފަދަ ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާތަކުން ވަކި ކުރުމަކީ ރަށް ރަށުގައި ހަރަކާތްތެރި ވަމުން ދިޔަ ޕީޕީއެމް/ޕީއެންސީ ކެމްޕެއިން ޓީމުގެ ވައުދެއް ކަމަށް ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވި ގޮތުގައި މިވަގުތު ވަޒީފާތަކުގައި ތިބި މީހުން ވަކި ކުރުމަށް ފަހު، ޕީޕީއެމް/ޕީއެންސީ ކެމްޕެއިންގައި ހަރަކާތްތެރިވި މީހުންނަށް އެ ވަޒީފާތައް ދޭން ނިންމާފައިވެއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ކެބިނެޓަށް ވޯޓު ނުދީ ހުންނާކަށް، އެހެން ނަމަވެސް، މިކަހަލަ ކަންކަން ހިނގާ، އާންމު މެމްބަރުންނަށް އަނިޔާ ލިބޭ ނަމަ ބައެއް މެމްބަރުން ޖަޒުބާތުގައި ޖެހިގެން ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނީމާ މުޅި ސަރުކާރު ހުއްޓުމަކަށް އަންނާނެ،" މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ އެ މެމްބަރު ވިދާޅުވިއެވެ.

ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ރައްޔިތުންގެ ވަޒީފާާ ނުކުޅެވޭނެ ކަމަށާއި ވަޒީފާއަކީ މީހުންގެ ދިރިއުޅުން ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭ ފައިސާކޮޅު ފޭރިގަންނަން ކަމަށާއި މިއީ ފޭރޭ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މި ސަރުކާރުން އެބަޖެހެއޭ މިކަންކަން ހުއްޓަން. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ. އެހެން އެކަން ނުކޮށް ވާނެ ގޮތެއް މި ސަރުކާރުން ހޯދައި ދިނުމަށް އެދެން،" ޝާހިދު ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ރައީސް މުއިއްޒު އެމްޑީޕީގެ އިސް ބޭފުޅަކަށް މެސެޖްކޮށްލެއްވީމަ، ކެބިނެޓް ވަޒީރުންނަށް ރުހުން ދޭނެ ކަމަށް އެމަނިކުފާނު ހީފުޅު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑާލާ ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން މިތަނުން ވަޒީރުންނަށް ރުހުން ދިނުން ހުއްޓާލާނަން. އެކަން ނުކުރެވޭނެ. އެހެންވެ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ރަށެއްގެ މުވައްޒަފަކަށް ކޮށްފި ކަމަށްވާ ނަމަ ރައީސް މުއިއްޒުގެ ކެބިނެޓު މި ތަނުގެ ތެރެއިން ފާސް ކުރަން ލާހިކު ކުޅަދާނައެއް ނޫން،" ރާއީ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި ބަންޑާރަ ނައިބާ އެކުގައި 22 ވަޒީރުން ތިއްބަވައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. Shaheem ah nudheyne eggithakavves maa މާ ބޮޑަށް މީހުންނާ ޖައްސާލާފަ ހުންނަ މީހެއް. ޙަސަދަ ވެރި މީހެއް. ޟުނާފިގު ވައްތަރަށް އުޅޭމީހެއް. ޥަގަށް ރާއްޖެއިން ބޭރުން ކައިވެނޮ ކޮށްގެން ރަޖިސްޓާ ނުކޮށް.

Leave a Reply

Your email address will not be published. Required fields are marked *