ރާއްޖެ އާއި އިންޑިއާ ގުޅުން ބަދަހިކުރަން ކޯ ގްރޫޕެއް އުފައްދަނީ

ރާއްޖެ އާއި އިންޑިއާ ގުޅުން ބަދަހިކުރަން ކޯ ގްރޫޕެއް އުފައްދަނީ

Author
އަހުމަދު
02 ޑިސެމްބަރ 2023 11:59
0

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދުމަށް އެއްބަސްވެއްޖެއެވެ.

މި ގްރޫޕް އުފެއްދުމަށް އެއްބަސްވީ، "ކޮޕް28″ ގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގެ ބައެއް ތަފްސީލް ދެއްވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު، އަރިންދަމް ބަގްޗީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ކުރިއަށްދާ ކޮޕް28 ގެ ބައްދަލުވުމުގެ ތެރެއިން ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ބައްދަލު ކުރައްވައި ގިނަ ދާއިރާތަކަކުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މޯދީ، އެމަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މީހުން ބިނާ ކުރުމުގެ މަސައްކަތާއި ތަރައްގީގެ މަޝްރޫއުތަކާއި އިގްތިސާދީ ގުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރު ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަރިންދަމް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒާއި މޯދީ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ކޯ ގްރޫޕެއް އުފައްދަން ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން "އެކްސް"ގައި މޯދީ ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާ އެކު ބޭއްވީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މޯދީ ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނަށް މަންފާވާނެ ގޮތަށް ގުޅިގެން ކަންކަން ކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނެ ތަފާތު ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމެވެ.." މޯދީގެ ޕޯސްޓުގައިވެއެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، ސަރުކާރުން ވަރަށް ފަހުން ބުނި ގޮތުގައި ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިބިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދިނުމަށް އެދި ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.