ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބު: ޕީޕީއެމް/ޕީއެންސީ

ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބު: ޕީޕީއެމް/ޕީއެންސީ

Author
އަހުމަދު
02 ޑިސެމްބަރ 2023 11:43
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ ވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.

އެމަނިކުފާނު ތުރުކީ ވިލާތަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި ތުރުކީ އާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖެ އާއި ތުރުކީއާ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރަން އެއްބަސްވުމެއްގައި ސޮއި ވެސް ކުރިއެވެ. ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޔޫއޭއީއަށް ވަޑައިގަތީ ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތް ﷲ ސުބުހާނަހޫ ވަތައާލާ އަށް ހަމްދުކޮށް އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކު ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓް އަދި އެންމެހާ މެމްބަރުންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ.

"މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ތުރުކީ ވިލާތުގެ ވެރިންނާއި ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގެވުމުގައި އެ ގައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމާ އެކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްގީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މިކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައިވެސް އަރުވަމެވެ." ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.