2017 ވަނަ އަހަރު، އިރާނުގެ އިގްތިސާދީ ހާލަތާ ގުޅިގެން އެގައުމުގައި ހިންގި ވަރުގަދަ މުޒާހިރާތައް ފެށުމަށް ހިތްވަރުދީ، އަދި މިމުޒާހިރާތަކުގެ މައުލޫމާތު އޮންލައިންކޮށް ފަތުރާ، މުޒާހިރާތަކަށް އެހީތެރި ވެދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން، އިރާނުގެ ނޫސްވެރިޔާ ރޫހުﷲ ޒަމްއަށް އެގައުމުގެ ސަރުކާރުން މިއަދު މަރުގެ އަދަބު ދީފިއެވެ.
މިއަހަރުގެ ޖޫން މަހުގަ، އިރާނުގެ ކޯޓަކުންވަނީ ޒަމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ޒަމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، "ދުނިޔެމަތީގައި ފަސާދަކުރުން" ކުށުގެ ތުހުމަތު ޒަމްގެ މައްޗަށް ސާބިތު ވުމާއި ގުޅިގެންނެވެ. "ދުނިޔެމަތީގައި ފަސާދަ" ކުރުމުގެ ދައުވާ އާންމުގޮތެއްގައި އިރާނުގައި ކުރަނީ، އެގައުމުގެ ސަރުކާރާ ދެކޮޅަށް ޖާސޫސްކުރުން ނުވަތަ، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެވިގެންނެވެ.
މިއަހަރުގެ ޖޫންމަހު، ޒަމްގެ މައްޗަށް މަރުގެ ހުކުމް އިއްވުމާއި ގުޅިގެން، ރިޕޯޓާރސް ވިތައުޓު ބޯޑާސްއިން އޭރު ބުނެފައިވަނީ، މިހުކުމަކީ، އިންސާފުން ބޭރުން އިއްވިފައިވާ ހުކުމެއް ކަމުގައެވެ.
އިރާނުގެ ސަރުކާރުން ޒަމް ހައްޔަރު ކޮށްފައިވަނީ، އެތައް އަހަރެއްވަންދެން ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުރުމަށްފަހު، އެބުރި ގައުމަށް އައުމުންނެވެ. ޒަމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވިފައިވަނީ، ކުރިން އިރާނުގެ ރިވޮލިއުޝަނަރީ ކޯޓުން އޭނާގެ މައްޗަށް އިއްވި ހުކުމް، ސުޕްރީމް ކޯޓުން ދެމެއްޓިތާ 4 ދުވަސް ފަހުންނެވެ.
I knew #RuhollahZam through Facebook. A lot of journalists and activists knew him or had communicated with him at some point during his years in exile. His execution is as heartbreaking as it is a crime.
— Shahin Milani (@shahinmilani81) December 12, 2020
2017 ވަނަ އަަހަރު، ޒަމް ހިންގަމުންއައި އޮންލައިން ނޫހުންނާއި އަދި އޭނާގެ ޓެލެގްރާމް ޗެނަލުން ގެންދިޔައީ އޭރު އިރާނުގައި ކުރެވެމުންއައި މުޒާހިރާތައް އޮންނާނެ ވަގުތުތަކާއި އަދި މައުލޫމާތުތައް ވަގުތުން ވަގުތަށް ހާމަކުރަމުންނެވެ. އަދީ މީގެ އިތުރުން ޒަމްގެ މި އޮންލައިން ޕްލެޓްފޯމުތަކުން ގެންދިޔައީ އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ގުޅޭ އެތަކެއް މައުލޫމާތުތަކެއްވެސް ހާމަކުރަމުންނެވެ. މި މައުލޫމާތުތައް ވެގެންދިޔައީ، އިރާނުގެ ސަރުކާރަށް ކުރިމަތިވެގެންދިޔަ ވަރަށްބޮޑު ގޮންޖެހުމަކަށެވެ. ޒަމްގެ އަމަދު ޓެލެގްރާމް ޗެނަލްގައި އެތައް މިލިއަން މީހުން ފޮލޯވަރުންގެ ގޮތުގައި ތިބިއެވެ.
2017 ވަނަ އަހަރު އިރާނުގައި ކުރިޔަށްދިޔަ މި މުޒާހިރާތައް ވެގެންދިޔައީ، 2009 ވަނަ އަހަރު އެގައުމުގައި ކުރިޔަށްދިޔަ ގްރީން މޫވްމަންޓް މުޒާހިރާތަކަށްފަހު، އިރާން ސަރުކާރަށް ކުރިމަތިވެގެންދިޔަ އެންމެބޮޑު ގޮންޖެހުމުގެ ގޮތުގައެވެ.
ޒަމްގެ މައްޗަށް އިރާނު ސަރުކާރުން ކުރި ތުހުމަތު ތެރޭގައި ހިމެނެނީ، މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި، އިރާނުގެ އިގްތިސާދީ ކަންކަމުގެ ތެރެއަށް ނުގަވާއިދުން ވަނުމާއި، އެމެރިކާގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމާއި، ފްރާންސްގެ ޖާސޫސީ އިދާރާއަށް ޖާސޫސް ކޮށްދިނުމުގެ އިތުރުން، މެދުއިރުމަތީގެ އެހެން ގައުމަކަށް ޖާސޫސްކޮށްދިނުމުގެ ތުހުމަތެވެ.
"މީނާ ވަނީ، އަމަދު ނިއުސް ޓެލެގްރާމް ޗެނެލްގެ ޒަރީއާއިންނާއި، އަދި އިރާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދެކޮޅު، ގައުމުން ބޭރުގެ ފަރާތްތަކަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދީންގެ، އިރާނުގެ ރައްޔިތުންގެ ރައްކާތެރިކަމާއި އަދި، ދިރިތިމުބަށް ނުރައްވާނެ ކުއްތަކެއްކޮށް، އަދި ރިޝްވަތާއި ފަސާދައިގެ އަމަލްތައް ހިންގާފަ،" އިރާނުގެ ޖުޑިޝަރީގެ ރަސްމީ ވެބްސައިޓް ކަމަށްވާ މިޒާންގައި ލިޔެފައި ވެއެވެ.
މީގެ އިތުރުންވެސް، މިޒާން ވެބްސައިޓްގައި ލިޔެފައިވާ ގޮތުން، "ގައުމުން ބޭރުގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން، 2017 ވަނަ އަހަރު، އިރާނުގައި ކުރެވުނު، އެތައްބަޔަކު މަރުވެގެން ދިޔަ މުޒާހިރާތަކުގައި، އިސްދައުރެއް އަދާކުރި ކަމަށް" ޝަރީޢަތުގައި ޒަމް ވަނީ އެއްބަސްވެފައެވެ. އަދި، "ސަރުކާރު ބަދަލުކުރުމަށް" 29 މީޑިއާއެއް އެކުވެގެން އުފެއްދި ކައުންސިލްގެ އެއްބާނީ އަކީވެސް އޭނާކަމުގައި ޒަމް އެއްބަސްވެފައި ވާކަމަށްވެސް، އިރާނުގެ ޖުޑިޝަރީގެ ރަސްމީ ވެބްސައިޓުގައި ލިޔެފައި ވެއެވެ.
އިރާނުގެ ސަރުކާރުންވަނީ، ޒަމްއާއި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީގެ އިތުރުން އެހެން ގައުމުތަކުގެވެސް އިންޓެލިޖެންސް އޭޖެންސީތަކާއި ސީދާ ގުޅުން އޮތްކަމުގެ ތުހުމަތުވެސް ކޮށްފައެވެ.