ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު ތުރުކީ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
އެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން އަދި އާއްމެއް ނުކުރެއެވެ. އަދި އުރުދުޣާން އާއި ރައީސް މުއިއްޒާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތަފްސީލެއް ވެސް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
Dr. @MMuizzu, the newly elected President of Maldives, meets with Turkey President @RTErdogan. During this meeting, both countries will explore potential areas for mutual collaboration and strengthen bilateral diplomatic ties.
🇲🇻🇹🇷#DhiveheengeRaajje#Muizzu2023 pic.twitter.com/X6Z49eYwaI— Muizzu2O23 (@Muizzu2O23) November 27, 2023
ދެ ގައުމުގެ ރައީސުން ބައްދަލުވެ ސަލާންކުރައްވާ ފޮޓޯއަކާ އެކު ތުރުކީގެ ރައީސް އޮފީހުން މިރޭ ވަނީ "އެކްސް"ގައި ޕޯސްޓެއް ކުރައްވައިފައެވެ. މިއީ ތުރުކީ ވިލާތުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތުރުކީވިލާތުގެ ރައީސްގެ އިތުރުން ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ބުރާސްފަތި ދުވަހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.