މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
އިސްލާމީ ޝަރީއަތުގައި ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައިކަމަށް ބުނެއެވެ. އެއީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ އެ ކުއްޖާގެ ބައްޕަ ސާބިތުކުރުމަށެވެ. އެކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، އެ ކުއްޖާއަކީ ދަރިލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖެކެވެ.
އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެނެއްކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓާއި ހައި ކޯޓުންވެސް ނިންމީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅިއެވެ. އިސްތިއުނާފަށް ހުށައެޅީ ކުރީ ސަރުކާރުގައެވެ.
ނަމަވެސް އެ މައްސަލަ މުރާޖަޢާކުރުމަށްފަހު އަނބުރާ ނަގާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފައެވެ. ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ.
މި މައްސަލާގައި ހައިކޯޓުން ނިންމާފައިވަނީ، ޝަރުއީ އުސޫލުތަކުގެ ބޭރުން ބައްޕަ ސާބިތުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.