ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އެތެރޭގައި ބަޔަކު ކޮށްފަ އޮތީ ވަރަށް ބޮޑު ބަޢާވާތެއް ކަމުގައި، ރައީސް ޔާމިން އުފައްދަވާ އާ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދާ ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.
ރޭ އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި ކަން ހިނގައިދިޔަ ގޮތް އެންމެނަށްވެސް އެނގެންޖެހޭ ކަމަށާއި، ޕީޕީއެމްގެ އެތެރޭގައި ވެފައިވަނީ ހީނުކުރާ ވަރުގެ ބޭވަފާތެރިކަމެއް ކަމުގައެވެ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުއަށް ވެރިކަން ލިބުނު ހިސާބުން ރައީސް ޔާމިންއަކީ ނެތް ބޭފުޅަކަށް ހަދާފައިވާ ކަމަށާއި، އެކަން ކުރީ ޕީޕީއެމްގެ ލީޑަރޝިޕުން ކަމަށެވެ.
މީ ވަރަށް ހިތާމައިން ފުރިގެންވާކަމެއް. މީ ވަރަށް ބޮޑު ބަޢާވާތެއް އަސްލު ޙަގީގަތުގަ ޕާޓީ ތެރޭގަ ބަޔަކު ކޮށްފަ މިއޮތީ، އިނގޭތޯ!.. މި ދެންނެވީ އަޅުގަޑުމެން ހީ ނުކުރާވަރުގެ ބޭވަފާތެރިކަމެއް މިވީ، އިނގޭތޯ! ހަމަ ވަރަށް ބޮޑު ބޭވަފާތެރިކަމެއް. މި ބޭވަފާތެރިކަން ވި މިންވަރު.. ވެރިކަން ލިބުނު ހިސާބުން ފެށިގެން އިނގޭތޯ! ހަމަ ރައީސް ޔާމިންއަކީ ނެތް ބޭފުޅެއްގެ ގޮތުގައި ހަދާލީ، ލީޑަރޝިޕުން.
ޖަމީލް ވިދާޅުވިއެވެ.
ރޭގެ އިންޓަރވިއުން ޖަމީލް ވިދާޅުވީ ފާއިތުވެދިޔަ މުއްދަތުގައި ރައީސް ޔާމިން ގުޅުއްވައިގެން ރައީސް މުއިއްޒު ފޯން ނުނަންގަވާ ކަމަށާއި، ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަބުދުއްރަހީމް ވިދާޅުވާހާ ގޮތަކަށް ކަމުގައެވެ.
ޕީޕީއެމްގެ ރައީސްކަމުން ރައީސް ޔާމިން ވަކިވެވަޑައިގެން، އާ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްގެ ލީޑަރޝިޕް އެކީކަހަލަ ގޮތަކަށް މިހާރުވަނީ ރައީސް މުއިއްޒުއަށް ބައިއަަތު ހިފާފައެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމްތަކުގަ ތިއްބެވި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ރައީސް މުއިއްޒުއަށް ތާއީދުކުރާކަން ހާމަކޮށް ޓުވީޓު ކުރައްވަމުންނެވެ.
ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްއިން ދަނީ މިރޭ އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމަށް ބޭވުމަށެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.