ބްރިޖު މަސައްކަތަށް އެފްކޮންސް ފުރަތަމަ ތައްޔާރު ނުވޭ: މުއްތޮލިބް

ބްރިޖު މަސައްކަތަށް އެފްކޮންސް ފުރަތަމަ ތައްޔާރު ނުވޭ: މުއްތޮލިބް

Author
އަހުމަދު
23 ނޮވެމްބަރ 2023 08:20
0

ތިލަމާލެ ބްރިޖު މަސައްކަތް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް އިންޑިއާގެ އެފްކޮންސް އިން ފުރަތަމަ ނުވި ނަމަވެސް މިހާރު އެ ކުންފުނިން ހޯދަން ޖެހޭ މެޝިނަރީޒްތައް ހޯދާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބް ވިދާޅުވީ ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް ކަމަށެވެ.

"އެއީ ވަރަށް އޮއި ގަދަ ކަނޑުއޮޅިތަކެއްގައި މި އަޅަނީ މޮންސޫން ސްވެލްސްތަކާ އެއްޗެހި، ބޮޑެތި ރާޅުތަކާ އެއްޗެހި އާދޭ، އަދި އެއާއެއްކޮށް ޖިއޯ ޓެކްނިކަލް، މާނައަކީ ބިމުގެ އަޑީގައި ހުންނަ ހާލަތު ވެސް އެހެން ގައުމުތަކުގައިހާ، ޔުނިފޯމް، އެއްގޮތެއް ނޫން،" ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއިރު އެ މަސަައްކަތް އެންމެ ގާތުން ބެއްލެވި މުއްތޮލިބް ވިދާޅުވިއެވެ.

މުއްތޮލިބް ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ވެސް އެ ގޮންޖެހުމާ ކުރިމަތިވި ކަމަށެވެ.

ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސް ކުރަން ވަގުތުކޮޅެއް ނަގާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށުމުން މަސައްކަތް ލަސްވެގެން ދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނީ ކޮންޓްރެކްޓަރުގެ މަސައްކަތުގެ ބުރަކަމާއި މަސައްކަތުގެ އުނދަގޫ ކަން އަންޑަ އެސްޓިމޭޓް ކުރެވުނީ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް ފުރަތަމަ ފެށިގެން ނުވޭ. މިހާރު އެ ބޭފުޅުން މެޝިނަރީޒްތަކާ އެއްޗެހި ހޯދާފައި މިވަނީ." މުއްތޮލިބް ވިދާޅުވިއެވެ.

މުއްތޮލިބް ވިދާޅުވި ގޮތުގައި އެފްކޮންސް އިން ފުރަތަމަ ބޭނުން ކުރީ ތިން ފައިލީ "ރުމެއިލާ" ނަމަކަށް ކިޔާ ޖެކަޕް ބާޖެކެވެ. އެކަމަކު އެ ޖެކަޕް ބާޖަކީ އެކަހަލަ ތަންތަނުގައި މަސައްކަތް ކުރާ އެއްޗަކަށް ނުވާތީ އާއި އޭގެ މާބޮޑު މަސައްކަތެއް ނުކުރެވުމުން އެ އުޅަނދު ފޮނުވާލި ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.

"މިކަހަލަ ތަންތަނުގައި މަސައްކަތް ކުރުމުގެ ތަޖުރިބާއަކީ ގިނަ ކޮންޓްރެކްޓަރުންގެ ހުންނާނެ ތަޖުރިބާއެއް ނޫން. އެ ތަޖުރިބާ ނެތުމާއި އެއަށް ތައްޔާރުވާން ޖެހޭ ވަރަށް ތައްޔާރު ނުވެވުމާއި މަސައްކަތުގެ އުނދަގޫ ކަން އަންޑައެސްޓިމޭޓް ކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ލަސްވީ،" މުއްތޮލިބް ވިދާޅުވިއެވެ.

"ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ތަންކޮޅެއް ބޮޑު، ޖެކަޕް ބާޖެއް އައިސް މަސައްކަތް ފަށައި މިހާރު ތިން ޖެކަޕް ބާޖު މިހާރު މަސައްކަތް ކުރަމުން އެ ދަނީ. އެއީ މަހާރާނީ، މަހާރާޖާ އަދި މަހަކްސިޔާ. މި ތިން ޖެކަޕް ބާޖު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މާލެ އާއި ވިލިމާލެއާ ދޭތެރޭގައި މިހާރު މަސައްކަތް ކުރަމުން އެ ދަނީ،" މުއްތޮލިބް ވިދާޅުވިއެވެ.

މުއްތޮލިބް ވިދާޅުވީ އެ ތިން ޖެކަޕް ބާޖާ އެކީގައި ބާރަށް މަސައްކަތް ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު އެއްބަސްވެފައިވާ މުއްދަތަށް ނުވަތަ އެއަށް ވުރެ އަވަހަށް މަސައްކަތް ނިންމުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ އަމާޒެއް ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުން މިހާތަނަށް ނިމިފައިވަނީ 29 އިންސައްތައެވެ. ބުރިޖްގެ މައައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގައެވެ. މަޝްރޫއަށް ފައިނޭންސް ކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ލޯނަކުންނާއި ހިލޭ އެހީގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.