އުފާވެރި ވަގުތުކޮޅެއް، އެއްލައްކަ ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް!

އުފާވެރި ވަގުތުކޮޅެއް، އެއްލައްކަ ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް!

Author
ޢަލީ އާދަމް
12 ޑިސެމްބަރ 2020 10:03
0

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އައި އެއް ލައްކަވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އައި އެއް ލައްކަ ވަނަ ފަތުރުވެރިޔާގެ ޝަރަފް ލިބުނީ ސްވިޒަލޭންޑްގެ ރައްޔިތަކަށެވެ. އެއް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާ ކިޔާފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 94،543 ފަތުރުވެރިން އައިސްފައި އެވެ. މި އަދަދާއެކު މުޅި އަހަރު ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ ބުދަ ދުވަހުގެ ނިޔަލަށް 477،390 އެވެ. އަދި މިހާރަކަށް އައިސް ދުވާލަކު 2000 އާއި 3000 އާ ދެމެދުގެ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ދަނީ ޒިޔާރަތް ކުރަމުން ނެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރައްވައެވެ.

ރާއްޖޭގެ އަންނަ ފަތުރުވެން އިތުރުވުމުގެ އެންމެ ބޮޑުއެއް ސަބަބަކީ، މި ދަނޑިވަޅުގައި ޗުއްޓީހޭދަކޮށްލަން އެންމެ ރައްކާތެރި މާހައުލެއް އޮތް މަންޒިލަކީ ރާއްޖެ ކަމުގައި ވުމާއި، އެފަދަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރު އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަށް ރާއްޖެއަށް މިދަނޑިވަޅުގައި ލިބުމަކީވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާ އެއް ސަބަބެވެ.

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު އިތުރުވެފައި ވާއިރު ފަތުރުވެރިންނަށް ހިދުމަތްދޭ ގިނަ ފެސިލިޓީ ތަކެއް ވެސްމިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސް ހޮޓެލް ތަކުގެ އިތުރުން ސަފާރީތައް ހިމެނޭގޮތަށް 407 ފެސިލިޓީއެއް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާތަނެއްގައި 36،750 ޓޫރިސްޓް އެނދުން ހިދުމަތް ދެވޭފެންވަރަށް މިހާރު އެތަންތަން ވަނީ ތައްޔާރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.