ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަކަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް ހަލީމް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ.
ހަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.
މީގެކުރިން ދަރުމަވަންތައިގެ ސީއީއޯއެއް ނުހުރެއެވެ. އެ ތަން ބަލަހައްޓަވަމުން ގެންދަވަނީ އައިޖީއެމްއެޗްގެ ސީއީއޯއަކަށް ހުންނަވާ ބޭފުޅެކެވެ. އައިޖީއެމްއެޗް ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިބްރާހިމް ސަލީމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" އަށް ބަދަލުކޮށްފައެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެމަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ބޯޑު އަލުން އެކުލަވާލަން ވެސް ރައީސް މިއަދު ވަނީ ނިންމަވައިފައެވެ.
ކޮމެންޓު ފޮނުވާ