ރައީސް މުއިއްޒުގެ އާ ސަރުކާރުގައި އަލަށް އުފެއްދި ހަތަރު މިނިސްޓްރީއަށް ވަގުތީ ގޮތުން ޕާމަނަންޓު ސެކްރެޓަރީން ހަމަޖައްސައިފިއެވެ.
ވަގުތީ ޕާމަނަންޓު ސެކްރެޓަރީން އައްޔަންކުރި އާ 4 މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ އަށެވެ.
ވަގުތީ ގޮތުން ޕީއެސްގެ ޒިންމާ ހަވާލު ކުރެއްވި ފަރާތްތައް
- މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސް – އިލްޔާސް އަހުމަދު
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ފާތިމަތު އަހުމަދު
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ – އަހުމަދު ތޮލްހަތު
- މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ – އިސްމާއީލް ރަޝީދު
އާ 4 މިނިސްޓްރީއަށް ޕީއެސްއިން އައްޔަން ކޮށްފައިވާއިރު، މި މިނިސްޓްރީތަކަށް ޕީއެސްއިން ހޯދުމަށްވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ.
މި މަގާމްތަކަށް ކުރިމަތިލާން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިމަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާލުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 22 މިނިސްޓްރީއެއް ވަނީ އުފައްދައިފަ އެވެ. އޭގެ ތެރޭގައި ކުރިން ހިންގި ބައެއް މިނިސްޓްރީތައް ދެބައިކުރުމަށް ފަހު، އަލަށް ވަނީ ހަތަރު މިނިސްޓްރީއެއް އުފައްދާފައެވެ.
ޕީއެސްގެ މަގާމަކީ ސިވިލް ސާވިސްގެ އެންމެ އިސް މަގާމެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު ސަރުކާރު ނުވަތަ ޕަބްލިކް ނުވަތަ އަމިއްލަ ތަނެއް ހިންގުމުގައި މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
އެގެ އިތުރުން، ޕީއެސްއަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހިންގުމުގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުންވެސް ހިމެނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީއެސްކަމުގެ މަގާމަސް މީހުން އައްޔަން ކުރަނީ އެވަގުތަކު ހުންނަ މިނިސްޓަރެއްގެ ލަފާގެ މަތިންނެވެ.
ޕީއެސްއެއްގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއެކު، މަހެއްގެ މައްޗަށް 35،500ރ. ލިބެ އެވެ.
ކޮމެންޓު ފޮނުވާ