ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފަލަސްޠީނުގެ ސަފީރު ވާލިދު އަބޫ ޢަލީ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މި ވަގުތު ޣައްޒާގެ ޙާލަތާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި ފަލަސްޠީނާ މެދު އޮތް ލޯބި ފެނި މި ހިތްދަތި ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުނަށް ވެދެއްވާ އޯގަތެރިކަމާއި ބަހައްޓަވާ ގާތްކަން ފަލަސްޠީނުގެ ސަފީރު ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި މިކަން މިގޮތަށް ދަމަހައްޓަވައި ދެއްވުމަށާއި އަޑު އުފުލުން މަތީ ދެމި ތިއްބެވުމަށް އެމަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
ފަލަސްޠީނުގެ ޙާލަތަކީ ދިވެހީންގެ އެންމެ ހަގު އުމުރުފުރާއިން ފެށިގެން އެންމެ ދޮށީ އުމުރުފުރާގެ ފަރާތްތަކާ ހަމައަށްވެސް އެއް ޝުޢޫރެއްގެ ގޮތުގައި އޮތް މައްސަލައެއްކަން ވަޒީރު އާދަމް ނަޞީރު އިބްރާހިމް ފާހަގަކުރެއްވިއެވެ.
ދިވެހިންނަކީ އަބަދުވެސް ފަލަސްޠީނުގެ ހައްގުގައި އަޑުއުފުލާ ބައެކެވެ. ރާއްޖެއިން އަންނަނީ ފަލަސްޠީނަށް ދެމުންދާ އުދުވާންތައް ހުއްޓާލާ ޣައްޒާއަށް އެހީވުމަށް ގޮވާލަމުންނެވެ.