އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.
މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަތުމަށް ނިންމެވީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އެމަނިކުފާނަށް ދައުވަތު ވެސް ފޮނުއްވާފައި ވަނިކޮށެވެ.
ޔާމީން އެގޮތަށް ނިންމެވީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި އައި ހައިބަތު ބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީއެވެ.
އަދި އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް ގަބޫލު ކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ޔާމީންގެ ފަރާތްޕުޅުން އެކަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް ދަންނަވާފައިވާ ކަން އެނގިފައިވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، އެމަނިކުފާނު ރަށު ބަންދަށް ވަނީ ބަދަލު ކުރައްވައިފައެވެ. މިދިޔަ މަހު 28 ގައި ޔާމީނަށް ލުއިތަކެއް ދިނީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށެވެ.
މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަން ރައީސް ޔާމީން އަންގަވައިފި ނަމަ، ހުއްދައާ އެކުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ވަޑައިގެންނެވި ދާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ކުރިން ބުނެފައެވެ.
މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3500 އަށްވުރެ ގިނަ މީހުންނަށް ދައުވަތު އަރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހާމަކޮށްފައެވެ.