ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދޭންޖެހޭނެ ކަމުގައި ބަންޑާރަ ނައިބު އިބުރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ރިއްފަތު މިހެން ވިދާޅުވީރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު އިތުރަށް ކުރިޔަށް ގެންދިއުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން ނިންމާ އެމައްސަލާގައި ކުރިޔަށް ދާނެ ގޮތުގެ ލަފަޔަކަށް އެދުމާއި ގުޅިގެންނެވެ.
މިމައްސަލައާއި ގުޅޭގޮތުން ރިއްފަތު މިރޭ ކުރި ޓުވީޓުގައި 7 ނުކުތާއެެއް ފާހަގަ ކުރައްވާފައި ވެެއެވެ.
އެ ނުކުތާތަކަކީ:
1. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މަޤާމުން ވަކިކުރުމުގެ ޤަރާރަކީ މަޖިލީހުގެ ގަވާއިދުގެ 168،167 އަދި 169ވަނަ މާއްދާގައި ބަޔާންކުރާ މެންބަރުން ހުށަހަޅާ 'ޢާންމު' ޤަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ޤަރާރެއް ނޫން.
2. މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގައި ފުރިހަމަވާންޖެހޭ ހަމައެކަނި ޝަރުޠުތަކަކީ،ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު.
3. މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް.
4. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް.
5. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުޞޫލާ ދިމާ އިދިކޮޅު މާނަކުރުމެއް.
6. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދޭންޖެހޭ.
7. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ހަމައެކަނި ގޮތް.
މިމައްސަލާގައި ބަންޑާރަނައިބުގެ ލަފާ ހޯދުމަށް މިއަދު ބޭއްވި އާއްމު ކޮމިޓީ ބައްދަލުވުމަށް އެކަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.
އޭނާ ހުށަހަޅުއްވާފައި ވަނީ، ރައްޔިތުންގެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު، މަޖިލިހުގެ ގަވާއިދާ ޚިލާފަށް މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކުރިޔަށް ނުގެންގޮސް، މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވާތީ، އެ މައްސަލައިގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އާއްމު ކޮމިޓީއަށް ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ބިގޭ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް އަނަންނަ ޖެހޭ ކަމަށާއި، އެމައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމުގައެވެ.
މިމައްސަަލައާއި ގުޅޭގޮތުން އޭޖީގެ ލަފާ ހޯދުމަށް ކޮމިޓީގައި ބައިވެރިވި 7 މެމްބަރުންގެ އައުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އޭޖީގެ ލަފާ ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަސްލަހަތު ފުށުއަރާތީ، މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ލަފާދިނުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ އެ މައްސަލަ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީ އަށް މިއަދު ވަނީ ހުށަހެޅިފައެވެ. އަަދި އީވާވެސް މިއަދު ގަރާރު ކުރިޔަށް ގެންގޮސްފައި ނުވާތީ އޭނާގެ މައްސަލަވެސް އިމްތިޔާޒު ކޮމިޓީން ވަނީ ބަލާފައެވެ.
މަޖިލީހުގެ ރައީސްގެ ނޯކޮންފިޑެންސް މޯޝަން ކުރިޔަށްދާއިރު، ރިޔާސަތު ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ދެ މެންބަރުން ކަަމަށްވާ އީވާ އާއި އަފީފަށް ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމްއެވެ.
އިކްރާމްގެ ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. އަދި އެ ނިންމުން މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށް ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި އެވެ.