އާޒިމާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

އާޒިމާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

މާލޭގެ މޭޔަރުކަމުގައި މިހާރު ހުންނެވި ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވުމާއި ގުޅިގެން ހުސްވާ މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށް އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ހަގީގީ މާނާގައި މާލޭ ސަރަހައްދު ތަރައްގީ ގެނައުމަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެކަމަށް އިސްނަންގަވަން ބޭނުންވާ ކަމުގައެވެ.

މިގޮތުން ކައުންސިލްތައް ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނައިރު، ލާމަރުކަޒީ ގަނޫނަށް ރާއްޖޭގެ ހިންގުމުގެ އޮނިގަޑު ބަދަލުވެފައިވި ނަމަވެސް، ރައްޔިތުންގެ ބޭނުންވާ ބަދަލުތައް އައިސްފައި ނުވާކަމުގައިވެސް އާޒިމާ ވިދާޅުވިއެވެ.

މާލެއަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ވެރިރަށް ގޮތުގައި ތަރައްގީކުރެވޭނެ ގާބިލް، އެކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރު ކަމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނެ.

އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގަންނަވަން އެކުލަވާލާފައިވާ ސްޓެރެޓިޖިކް ޕްލޭން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.

އާޒިމާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް، އޭނާ އެ ދެޕާޓީންކުރެ އެއްވެސް ޕާޓީއަކާއި އޭނާ ގުޅުނުކަން އެގިފައެއް ނުވެއެވެ. އޭނާ ފާއިތުވި ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރައްވާފައިވަނީ ކާނަލް ނާޒިމްގެ އެމްއެންޕީއާއެކުއެވެ.

އާޒިމާގެ އިތުރުން މާލޭގެ މޭޔަރުކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެކަން ކުރީގެ ސީޕީ ހުސެއިން ވަހީދުވެސް ވަނީ އިއުލާން ކުރައްވާފައެވެ. އޭގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް، މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވެސް ވަނީ ވާދަކުރައްވާނެކަން އިއުލާން ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *