އިދިކޮޅު ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ނުވަތަ އެހެން ޕާޓީއަކަށްވެސް ފޯމު ފުރަން ނުޖެހޭނެކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމިން މިހެން ވިދާޅުވީ، ދިގުމުއްދަތެއްގެ ޖަލު ހުކުމުގައި ހުންނެވި ނަމަވެސް، ޕީޕީއެމް އޮފީހުގައި ރޭ އެޕާޓީގެ ގްރާސް ރޫޓުގެ ބައެއް ފަރާތްތަކާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަމަށެވެ.
މި ބައްދަލުވުމަށްފަހު ޑރ. ޖަމީލު އަމިއްލަފުޅު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙުގެ ރަސްގެފާނު ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެހެންޕާޓީއަކަށް ނުވަތަ ޕީއެންސީއަށްވެސް ސޮއިކުރާން ނުޖެހޭކަމަށް ރައީސް ޔާމިން ވިދާޅުވި ކަމަށެވެ.
މިރޭ ރައީސް ޔާމީން ވިދާޅުވީ؛ ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ. ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން. ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއްފިކުރެއްގެ ދެ ޕާޓީ. ރައްޔިތުންގެ މަޖްލިހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ
ޑރ. ޖަމީލުގެ ފޭސްބުކު ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ޕީޕީއެމްގެ އޮފީހުގަ ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމުގެ ބައެއް މަންޒަރުތައް ޗެނަލް 13އިން ރޭ ވަގުތުން ގެނެސްދިން ނަމަވެސް އަޑު ގެނެސްދީފައެއް ނުވެއެވެ. ޗެނަލް 13 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް ޔާމިން ބައްދަލު ކުރައްވާފައިވަނީ ޕީޕީއެމްގެ ގްރާސް ރޫޓުގެ ބައެއް ފަރާތްތަކާއެވެ.
ރައީސް ޔާމިން ޕީޕީއެމްގެ ގްރާސް ރޫޓުގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައިވަނީ، ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނުގެ ޖަލު ހުކުމަށް ބޮޑު ލުޔެއް ދީފައި ވަނިކޮށެވެ.
އެގޮތުން ކަރެކްޝަންސްއިން އިއްޔެވަނީ ރައީސް ޔާމިން ރަށު ބަންދަށް ބަދަލު ކޮށްފައެވެ. އަދި މި ބަދަލާއެކު ރައީސް ޔާމިންނަށް މީހުންނާއި ބައްދަލު ކުރުމާއި ޖަލްސާތަކުގައި ބައިވެމުގެ ހުއްދަވެސް ކަރެކްޝަންސްއިން ދޫކޮށްފައިވާކަމަށްވެސް ވަނީ އެނގިފައެވެ.
އެހެންނަމަވެސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމިންއަށް ގެއިން ބޭރަށް ވަޑައިގެންނެވޭނީ "ސިއްޙީ ފަރުވާއާއި ގުޅޭ ކަންކަމުގައި" އެ ސާވިސްގެ ހުއްދަ ހޯދައިގެންނެވެ.
ރައީސް ޔާމިން "ރަށު ބަންދަށް" ދޫކޮށްލާފައިވަނީ އެމަނިކުފާނާ ރައީސް ސާލިހާދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުކަމަށް އެނގިފައި ވެއެވެ. އަދި މި ބަދަލާއެކު ޔާމީނަށް މާލޭ ސަރަހައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލެ) ބާއްވާ ޖަލްސާތަކަށް ހާޒިރުވެވި، އަދި މީހުންނާ ބައްދަލުކޮށްވެސް ހެދޭނެއެވެ.
ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޔާމިން ގެއަށް ބަދަލު ކޮށްފައިވަނީ މި އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
މުއިއްޒު އޭގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
2022 ވަނަ އަހަރުގެ ޑިސެންބަރު 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މި އަހަރުގެ ފެބްރުއަރީ މަހުގައި އިސްތިއުނާފުކުރެއްވި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް މިހާރުވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަވެއެވެ.