"ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަމާއި މަޝްވަރާތައް ނިންމާލައިފި

"ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަމާއި މަޝްވަރާތައް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 04:52
0

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާ ދެމެދު ޑިރެކްޓަރ ޖެނެރަލް ލެވެލްގައި މިއަދު ބޭއްވި މަޝްވަރާތައް ނިންމާލައިފިއެވެ.

ވަރޗުއަލްކޮށް، މިއަދު މެންދުރު ބޭއްވި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޯވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި، އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާ އަދި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އަލުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފެއްޓުމާ ބެހޭ ގޮތުންނެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވޫ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް އެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ވަނީ ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ކޯވިޑް-19 ގެ ޙާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިރާއްޖެއިން ޝުކުރުއަދާކުރާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އަވަސް މުސްތަޤްބަލެއްގައި ދެޤައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޖާވިދު ވިދާޅުވިއެވެ.

ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެޤައުމުކަމަށާއި، އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޗައިނާއަށް ދިވެހިރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހިރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއްކަމަށް ޗެންގް ސޮންގް ވިދާޅުވިއެވެ. މިއަދުގެ މަޝްވަރާތަކުގައި ދެ ޤައުމުންވެސް ވަނީ ދެޤައުމުގެ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.އަދި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ދެޤައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖެއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެޑިޝަނަލް ސެކްރެޓަރީ ޖާވިދުގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، އެޑިޝަނަލް ސެކްރެޓަރީ އޛ އައިޝަތު ލީޝާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤްއެވެ. ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.