ބާސެލޯނާ އެއްވަނާގައި ހަމަޖެހިލައިފި

ބާސެލޯނާ އެއްވަނާގައި ހަމަޖެހިލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ޝަޚްތަރު ޑޮނެސްކު ބަލިކޮށް، ބާސެލޯނާ އިން ގްރޫޕް އެޗްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

އޮލިމްޕިކޯ ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އަނިޔާގެ ސަބަބުން ބާސެލޯނާގެ މުހިންމު ކުޅުންތެރިން ކުޅެފައެއް ނުވެ އެވެ. އޭގެ ތެރޭގައި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ، ޕެޑްރީ، ފްރޭންކީ ޑި ޔޯން އަދި ރަފީނިއާ ހިމެނެ އެވެ. މީގެ އިތުރުން ރަތް ކާޑު ސަސްޕެންޝަންގެ ސަބަބުން ޒުވާން ކުޅުންތެރިޔާ ގަވީ ވެސް ކުޅެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ދެ ލަނޑު ޖަހައިފައެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފެރާން ޓޮރޭސްއެވެ. އޭގެ ފަހުން، 36 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ފާމިން ލޮޕޭޒްއެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ޓޮރޭސް އެވެ. ދެ ވަނަ ހާފުގައި ޝަޚްތަރު ޑޮނެސްކުން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފައެވެ. 62 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޯޖީ ސުޑަކޯ އެވެ. އޭނާ އެ ލަނޑު ޖެހީ އިރާކްލީ އަޒަރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ބާސެލޯނާ އަތުން ބަލިވި ޝަޚްތަރު ޑޮނެސްކަށް ތިން މެޗުން ލިބެނީ ތިން ޕޮއިންޓެވެ. އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ ތިން ވަނަ މަގާމުގައެވެ.

ބާސެލޯނާ ހިމެނޭ ގްރޫޕްގެ އަނެއް މެޗުގައި ޕޯޓޯއިން ވަނީ ރަށުން ބޭރުގައި ރޯޔަލް އެންޓްވާޕް އަތުން 1-4 އިން މޮޅުވެފައެވެ. މި މެޗުގައި ޕޯޓޯގެ ބްރެޒިލް ފޯވާޑް އެވަލިންސަން ހެޓްރިކެއް ހެދި އެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހެޓްރިކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *