އިންތިޤާލީ މަރުހަލާގައި އެކުލަވާލި ކޮމެޓީތަކުން ކުރި މަސައްކަތުން ޚާއްސަ އޮޑިޓެއް ހަދަންޖެހޭ މުއައްސަސާތަކެއް ހުރުމުން އެމަސައްކަތް ކުރުމަށް ކުރުމަށް ހަމަޖެހިފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތަކަށާއި، ކުންފުނިތަކަށް ވަޑައިގެންނެވި 15 ޓީމުގެ މަސައްކަތް މިހާރު ނިމި ރިޕޯޓްތައްވެސް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ޖުމްލަ 77 އިދާރާއަކަށް ވަޑައިގެން 77 ރިޕޯޓް އެކުލަވާލާފައިވާކަމަށެވެ.
ފިރުޒުލް ވިދާޅުވީ، މިތަންތަން އޮޑިޓް ކުރުމަށް އޮޑިޓަރ ޖެނެރަލްއަށް ދަންނަވާނެކަމަށާއި، އޮޑިޓް ކުރަނީ މާލީ ޙާލަތާއި، މުވައްޒަފުންނާއި، އިދާރީ ގޮތުން ހޯދަން ހުރި ބައެއް މަޢުލޫމާތުތައް ކަށަވަރު ކުރުމަށް ކަމަށެވެ.
އިންތިޤާލީ ކޮމެޓީތަކުގެ މަސައްކަތްތައް ފެށީ މިމަހުގެ 4 ވަނަދުވަހުއެވެ. 21 ދުވަސްތެރޭގައި ސަރުކާރުގެ 77 މުއައްސަސާއާއި ކުންފުނިތަކަށް ގޮޮސް އެތަންތަނުގެ މައުލޫމާތުތައް އެއްކުރިއިރު، ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާކަމަށް ފިރުޒަލް ވިދާޅުވިއެވެ. އަދި އިންތިޤާލީ ކޮމެޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އެތަނެއްގެ ޙާލަތު ދެނެގަތުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މިހާތަނަށް ފާހަގަކުރެވިފައި އެބަހުރި އޮޑިޓް ކުރަންޖެހޭ މުއައްސަސާތަކާއި ކުންފުނިތަކެއް. ކުރިއަށްއޮތް ދުވަސްތަކުގައި އޮޑިޓަރ ޖެނެރަލް އަށް މި އިދާރާތަކުގެ ޙާއްސަ އޮޑިޓެއް ހެދުމަށް ހުށައެޅުމަށް މިދަނީ ތައްޔާރުވަމުން.
– އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުކަމާން ފިރުޒުލް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވީ، އިންތިޤާލީ ކޮމެޓީތަކުން ޒިޔާރަތްކުރި މުއައްސަސާތަކުގެ ވަކިވަކި ރިޕޯޓްތަކުގައި، އެ މުއައްސަސާއަކުން ފާހަގަކުރެވުނު ކަންތައްތައް ހިމަނާ، އެ މަޢުލޫމާތުތައް ހިއްސާކުރާނެކަމަށެވެ. އިންތިޚާބީ ރައީސްގެ އޮފީހުން މިމަސައްކަތް ކުރިއިރު މުވައްސަސާތަކުގެ ހާލަތާއި ގުޅޭގޮތުން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުންތައް ފާޅު ކުރައްވާފައެވެ.