އޮޑިޓް އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފި

އޮޑިޓް އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފި

ގުޅުންހުރި

އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށައެޅީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކުރީ، މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 10.4 މިލިއަން ރުފިޔާ އުނިކުރުމަށްފަހުއެވެ. އެގޮތަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

ކޮމިޓީން ފާސްކުރި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގައި ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖުމުލަ 74.14 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް އޮޑިޓް އޮފީހުން ހުށައެޅީ ރިކަރަންޓު އަދި ކެޕިޓަލް ޚަރަދަށް 82 މިލިއަން ރުފިޔާއެވެ. ކޮމިޓީން ފާސްކުރި ބަޖެޓުގައި އޮޑިޓް އޮފީހުގެ އައު އޮފީސް ޢިމާރާތުގެ ބަޖެޓަށް 38.1 ކަނޑައަޅަފައިވެއެވެ.

މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުގައި ހިމެނީ އެ އޮފީހުގެ މުވައްޒަފުންނަނީ ފަންނީ އަދި ތަޖުރިބާ ހުރި މުވައްޒަފުންނަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮމިޓީން ވަނީ އެ އެލަވެންސް އުނިކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަހަރަށް އެންމެ ފުރަތަމަ ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 123 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގާ ޢިމާރާތް ބަދަލުވުމުގެ ސަބަބުންނެވެ. މީގެ ކުރިން އެ އޮފީސް ހިންގީ ޣާޒީ ބިލްޑިންގައެވެ. ނަމަވެސް އެ ޢިމާރާތް ބައުވުމުގެ ސަބަބުން ޢިމާރާތް ވަނީ ތަޅާލާފައެވެ. އަދި އޮޑިޓް އޮފީސް ހިންގުން ކުލި ތަނަކަށް ބަދަލުކުރީއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދަށް 61 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި 32.4 މިލިއަން ރުފިޔާއެވެ. އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ