ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ އެހީގައި ރާއްޖޭގައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުން 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއް ފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަރިންދަމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ކަމަށެވެ.
އިންޑިއާގެ އެހީގެ ސަބަބުން ރާއްޖެއަށް އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އިންސާނީ އެހީ ފޯރުކޮށްދިނުމާއި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ދިމާވާ ކާރިސާތަކުން އެހީވުމާއި ކަނޑުގެ ސަރަހައްދުގައި ކުށްތަކަށް އަރައިގަތުން ހުއްޓުވުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އޭގެފަހުގައި އަރިންދަމް ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއެކީގައި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓުގައި 523 މީހުން އުފުލައި އެމީހުންގެ ފުރާނަ ސަލާމަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މި އަހަރު އެކަނި ވެސް 131 ބަލި މީހުން އެ އުޅަނދުތަކުގައި އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިދިޔަ 140 މީހުން އުފުލި. 2021 ވަނަ އަހަރު 109 މީހުން ވަނީ އުފުލާފައި." އަރިންދަމް ވިދާޅުވިއެވެ.
އަރިންދަމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދެ ގައުމު ގުޅިގެން 450 މިޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން 122 މިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި އަހަރު އެކަނި ވެސް 122 މިޝަން ވަނީ ކުރިއަށް ގެންގޮސްފައި. މިދިޔަ އަހަރު 152 އަދި 2021 ގައި 124 މިޝަން ކުރިއަށް ގެންދިޔަ،" އަރިންދަމް ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވާ ކޮންމެ ކަމަކާ ގުޅިގެން ވެސް އެންމެ ފުރަތަމަ އެހީވާ ގައުމަކީ އިންޑިއާ ކަމަށެވެ. ހާއްސަކޮށް، ކޮވިޑް-19 ގެ ދުވަސްވަރުގައި އިންޑިއާ އިން ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ އާ ސަރުކާރާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް. އަދި މި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރަން ވެސް ތައްޔާރަށް،" އަރިންދަމް ވިދާޅުވިއެވެ.