ހދ. މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި މިއަދު އެއްޗެއް ގޮވާ މަރުވި ހާދިސާގައި، ގޮވި ގޮވުމުގެ ބާރުގަދަކަމުން، މަރުވި މީހުންގެ ހަށިގަޑުގެ ބައިތައް ކުދިކުދިވެ ދުރަށް ބުރައިގެން ގޮސްފައިވާކަމަށް އެރަށުގެ ބައެއް މީހުން މައުލޫމާތު ދީފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، އެ ރަށުގެ ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ.
އެކަމަކު، އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އަލްޓެކް ކުންފުނީގެ ގުދަނުގައި އެއްޗެއް ގޮވި ވާހަކަ އެ ކުންފުނިން ފަހުން ދޮގު ކުރިއެވެ.
އަލްޓެކްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގޭސް ސިލިންޑަރެއް ގޮވާފައި ވަނީ އެ ރަށުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބިގް ފިޝް ކުންފުނީގެ ސައިޓްގައި ކަމަށެވެ. އަދި އެ ސައިޓްގައި އެއްޗެއް ގޮވުމުގެ ސަބަބުން އަލްޓެކް ކުންފުނީގެ ގުދަން ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އަލްޓެކްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ފަހުން ސާފުވެފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ، މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ. އަދި މި ހަދިސާގައި މަރުވެފައި ވަނީ އެރަށު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ ދެ މުވައްޒަފަކެވެ.

މަކުނޫ މަސް މާރުކޭޓުގައި މިއަދު ހިނގި ހާދިސާގައި، ގޭސް ސިލިންޑަރު ގޮވާ ފިހުނު ދެމީހުންގެ ހަށިގަޑުގެ ކުދިކުދި ވުމުގެ ސަބަބުން މަރުވި ދެ ބިދޭސީންވެސް ކާކުކަން ނޭގޭވަރަށް އަދާފައިވާކަމަށްވެސް އެރަށުން ޚަބަރު އޮންލައިނަށް މައުލޫމާތުދިން މީހުން ކިޔައިދީފައި ވެއެވެ.
މިގޮތުން މަރުވި ދެމީހުންގެ ހަށިގަޑުގެ ބައެއް ބައިތަށް ސިލިންޑަރު ގޮވި ހާދިސާގެ 150 ވަރަކަށް ފޫޓަށް ދުރަށް ބުރައިގެން ގޮސްފައިވާކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދީފައި ވެއެވެ.
މި ހާދިސާއަށްފަހު އާންމުވެފައިވާ ބައެއް ފޮޓޯތަކުން އެގެން ހުރި ގޮތުގައި، ހާދިސާ ހިނގި ތަނުން ދުރަށް ހަށިގަޑުގެ ބައިތައް ނުވަތަ ތަންތަންކޮޅު ބުރައިގެން ގޮސްފައިވަނިކޮށް ފެންނާން ހުރެއެވެ. ވަކިވެފަފައިވާ، ހަށިގަޑުގެ ބައެއް ބައިތަށް ފޮރުވާފައިވަނީ އޭގެ މަތީގައި ގަހުގެ ފަތްތައް އަޅައިގެންނެވެ.
މިހާދިސާގައި ގޮވި ގޮވުމުގެ ބާރުގަދަކަމުން، މަކުނުދޫ ބަނދަރުމަތީގައި ހުރި އިމާރާތެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އެތަނުގެ ސީލިންގެ ބައިތައްވެސް ވަނީ ވެއްޓިފައެވެ. އަދި ގޮވުމުގެ އަސަރުކޮށް، ބަނދަރުގައި އަޅާފައިއޮތް ދޯންޏެއްގެ ގެގަޑުގެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސްފައި ވެއެވެ.
މިހާދިސާއާ ފުލުހުންނާއި ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ