ކޯވިޑް-19 އާއިއެކު ދިމާވި ގޮންޖެހުންތަކުގެ ސަބަބުން މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި ކެޔޮޅުންނަށް އަދި ފަޅުވެރިންނަށާއި އޮޑިވެރިންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވިކަމަށެވެ. މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައިއިރު، ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަކަމަށެވެ.
ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަން. ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެކަމަށާއި، އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމުގައެވެ.
ހަމައެފަދައިން، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މާތް ﷲގެ ވާގިފުޅާއެކު، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ ކަނޑުމަތީގައި ޝުޢޫރު ފާޅުކޮށް މަސްވެރިންގެ ހައްގުތައް ހޯދުމަށް އަޑު އުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ