ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަނަށް އަރާނެކަން ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތު އަންނަ އަހަރު ހުންނާނީ 111 އިންސައްތައިގައެވެ. އަދި 2025 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުންނާނީ 130 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ދަރަނި ޖީޑީޕީގެ ނިސްބަތުން 93 އިންސައްތައަށް ދަށްކުރުމެވެ. އަދި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރު 2.5 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އަމާޒުތަކަށް ބަލާއިރު ސަރުކާރުން އަންދާޒާ ކޮށްފައިވަނީ އަންނަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 9.8 ބިލިއަން ރުފިޔާގައި ހިފެހެއްޓުމެވެ.
ރާއްޖޭއިން ދަރަނި އަނބުރާ ދެއްކުމަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައިވަނީ 2026 ވަނަ އަހަރުއެވެ. އެއީ 11.5 ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ލަފާކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު 2025 ވަނަ އަހަރު ހުޅުވި، 7 މިލިއަން މީހުންނަށް އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ