މަސްވެރިންގެ ދުވަހުގައި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، މަސްވެރިން އުޅެމުންދާ ދަތިހާލު އަސަރާއިއެކު ރާއްޖޭގެ ޤައުމީ ޓީމުގެ ގޯލް ކީއްޕަރު، އިމްރާން މުހައްމަދު ބަންޑުން ކޮށްލައިފިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް 100 އަށްވުރެ ގިނަ މަސްދޯންޏާއިއެކު މިއަދު ކަނޑުމަތީގައި، ގަދަ ހޫނުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްމުން އިމްރާން ބުނެފައިވަނީ މިއަދަކީ 2008 ގެ ސާޕް ޗެންޕިއަންޝިޕް ކާމިޔާބު ކުރިފަހުން ހަޔާތުގައި އެންމެ އުފާވި ދުވަސްކަމަށެވެ. ރާއްޖޭގެ ކަނޑުމަތީގައި ރެއާއި ދުވާލު މަސްވެރިން ކުރަމުންދާ ހައްގުގައި އަޑު އުފުލަން ޖަމްއިއްޔާ އުފެދި މިކަން ހަގީގަތަށް ވުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އުފެދި ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމަށް މިއަދު ތައްޔާރު ވެފައިވާކަމަށެވެ. އެގޮތުން މަސްވެރިންގެ ފެކްޓްރީއެއް އެޅުމަށްވެސް ވާހަކަ ދެކެވި އުންމީީ މަންޒަރުތަކެއް ފެންނަމުންދާކަމަށެވެ.
އޭނާ ބުނީ ކޯވިޑް-19 އާއިއެކު މުޅި ޤައުމު ބަންދުވެ ރާއްޖޭގެ އިޤްތިޞާދު ހުއްޓުމަށް އައިއިރު، ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުގައި އޮތީވެސް މަސްވެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
އަޅުގަނޑުމެން މަސްވެރިން ހިތުއަޅާ ވޭން އެއްވެސް ބަޔަކަށް ނޭގޭ. އެހެން ނޫންނަމަ މިހާލުގައި އުޅޭކަށް ނުޖެހޭނެ. ކޯވިޑް-19 އާއިއެކީ މުޅި ޓުވަރިޒަމް ވަނީ ހުއްޓިފަ. މަސްވެރިން ކުރި މަަސައްކަތުން މިއަދު ރާއްޖެ ކޮޅަށް ޖެހުނީ. ކޯވިޑް ހާލަތުގައި ލޯބޯ ފިއްސާގައި ހަމައެކަނި މަސައްކަތް ކުރީ މަސްވެރިން. ރޭގަނޑާއި ދުވާލު މަސައްކަތް ކުރީ މަސްވެރިން. މިކަންކަން ނުފެންނަނީތޯ؟ ވަރަށް ހިތްހަމަ ނުޖެހިފަ މިހިރީ. މިކަމުގައި ލައްކަ ތަނަކަށް ދުވިއްޖެ. އެދެވޭ ޖަވާބެއް އަދާއި ހަމަޔަށްވެސް ނުލިބުނު.
– އިމްރާން ބުނެފައިވެއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ހައްގުގައި މިއަދު ނިކުތީ ދިމާވާނެ ގޮންޖެހުން ދެނެ ތިބެކަމަށް އިމްރާން ވަނީ ބުނެފައެވެ. ސިޔާސީ ގޮތުންނާއި، އެނޫން ގޮސްގޮތުންވެސް ކުރިމަތިވާނެ ހުސްރަސްތަކާއި، ހުށަހަޅާނެ ހުށަހެޅުންތައްވެސް އެގޭކަމަށެވެ. ނަމަވެސް މިއަދު މިކަމުގައި ނުކުމެ ތިބި މީހުންނަކީ މަސްވެރިންގެ ހައްގުތައް ކަށަަރު ނުވާހާ ހިނދަކު، މިކަން ހުއްޓާލާ ގޮތަކަށް ނޫންކަމަށެވެ.
މަސްވެރިންނާއި ނުލައި އެއްވެސް ބަޔަކަށް ވެރިކަމަކަށް ނާދެވޭނެ. މަސްވެރިންނަށް ވައުދުވެ ވެފައިވާ ވައުދުތައް ފުއްދޭ ތަނެއް ނުފެނޭ. މިކަންކަމާއި ވަކާލާތު ކުރަން އަޅުގަނޑުމެން ނިކުންނަނީ. އަޅުގަނޑުމެންނަށް އެގޭ މިކަމުގައި ހުރި ގޮންޖެހުންތައް. ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުން އަންނާނެ ހުށަހެޅުންތައް.
– އިމްރާން ބުނެފައިވެއެވެ.
ވަރަށް ޖޯޝާ ފޯރީގައި އަސަރާއިއެކު އިމްރާން ވާހަކަ ދެއްކިއިރު ގިނަ އަދަދެއްގެ މަސްވެރިން، އިސްޖަހައިގެން ވާހަތައް އަޑުއަހަން ތިބިކަން ފާހަގަކޮށްލެވެއެވެ. އިމްރާން ވަނީ މިއަދު ލިބޭ އާމްދަނީން ކައިގެން ބޮއިގެން ނޫޅެވޭއިރު، ދަރިފުޅު ޖަހާނެ ނެޕީވެސް ގަންނާނެ ވަރަށް ލާރި ނުލިބޭކަމަށެވެ. މިކަންކަމަކީ މަސްވެރިންގެ ހުރި ކަންބޮޑުވުން ތަކަށްވާއިރު މިކަންކަމަށް ހައްލު ހޯދައި ދިނުމަށް އިމްރާން ވަނީ އާދޭހާއިއެކު މަސްވެރިންގެ ފަރާތުން ސަރުކާރަށް ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ