އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ޑރ. މުއިއްޒާއިއެކު ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕޭންގައި އިސްކޮށް އުޅުއްވި ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނު އިންތިޚާބު ކުރެއްވުމަށް މަސައްކަތް ކުރެއްވި ފަދައިން، ވެރިކަން ދެމެހެއްޓުމަށްވެސް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ. އަދި ދުޢާއަކީ ޑރ. މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ކޮށްދޭ ހެޔޮ ވެރިކަމަށް ވުން ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ފަދައިން، އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން ވެސް މަސައްކަތްކުރާނަން. ދުޢާއަކީ އެމަނިކުފާނުގެ ވެރިކަމަކީ ހެޔޮ ޢަދުލުވެރި ޤާނޫނޫނުގެ ވެރިކަމެއްކަމުގައި ލެއްވުން.
– ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމަކީ އިންތިޤާލީ މަރުހަލާގައިވެސް މުހިންމު ދައުރެއް އަދާ ކުރައްވާ ބޭފުޅެކެވެ. އެގޮތުން ޝަހީމް ގެންދަވަނީ ގިނަ ވުޒާރާތަކަށް ވަޑައިގެން މައުލޫމާތުތައް އެއްކުރައްވަމުންނެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާ ބޭއްވުމުގެ ހުރިހާ ތައްޔާރީތަކެއް ކުރަމުން ގެންދާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ