އަފްޣާނިސްތާނުގެ ހުޅަނގު ސަރަހައްދަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއަދުގެ ބިންހެލުމަކީ، މި ސަރަހައްދަށް މީގެ ދުވަސްތަކެއް ކުރިން އައި ވަރުގަދަ ދެ ބިންހެލުމުގައި އެ ސަރަހައްދުން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އައިސްފައިވާ ބިންހެލުމެކެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފައިވަނީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ހެރާޓް ސިޓީ ކައިރީގައި ކަމަށެވެ. އެއީ 6.3 (ހަތަރު މޭލު) އަޑިންނެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އދ.ގެ ކުޑަކުދިންގެ އިދާރާ ޔުނިސެފުން ބުނީ މީގެ ކުރިން އައި ބިންހެލުމުގައި މަރުވި މީހުންގެ 90 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
ޔޫއެސްޖީއެސްއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެންމެ ފަހުގެ ބިންހެލުމުގެ މައި މަރުކަޒަކީ އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހެރާތުގެ ހުޅަނގު އުތުރުން 30 ކިލޯމީޓަރު ދުރުގައި ކަމަށެވެ.
އަފްޣާނިސްތާނަކީ ޔޫރޭޝިއަން އަދި އިންޑިއާގެ ޓެކްޓޯނިކް ޕްލޭޓްތަކުގެ ޖަންކްޝަން ކައިރީގައި އޮންނަ ސަރަހައްދަކަށްވާތީ، ހާއްސަކޮށް ހިންދޫ ކުޝް ފަރުބަދައިގެ ރޭންޖަށް ވަރަށް ގިނައިން ބިންހެލުންތައް އަންނަނީ ކުރިމަތިވަމުންނެވެ.