ފަލަސްތީނަށް އެހީވާން ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ރާއްޖޭގައި ފަންޑެއް ހުޅުވައިފިއެވެ.
ދިވެހި ރެޑް ކްރެސެންޓުން ބުނި ގޮތުގައި މި ފަންޑަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށެވެ. ފަންޑަށް ލިބޭ ފައިސާގެ އެހީ ފޯރުކޮށް ދޭނީ، އަނިޔާވެ ޒަހަމުވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ފައިސާ ބޭނުންކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ފުރަތަމަ ފަސްޓް އެއިޑްގެ ހިދުމަތްތަކަށް ބޭނުންވާ ސާމާނާއި އުޅަނދުތަކަށް ބޭނުންވާ ތަލާއި އެ ނޫން ވެސް ހަރަދުތަކާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ފައިސާ ޖަމާކުރާނެ އެކައުންޓުތައް:
* ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރުފިޔާ އެކައުންޓް: 7701176022001
* ބީއެމްއެލް) ޑޮލަރު އެކައުންޓް: 7701176022002
* މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް: 99010155500036100
* އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200
ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް އިސްރާއީލުން ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ދިވެހި ޖަމިއްޔާއެއް ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ވެސް ވަަނީ ފަންޑެއް ހުޅުވައިފައެވެ. އެ ފަންޑަށް މިހާތަނަށް އައިއިރު ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.