މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވާދަ ކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.
މާލޭގެ މޭޔަރަކަށް މިހާރު ހުންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މޭޔަރު ކަމުގެ މަގާމު ހުސްވާނެއެވެ. އެއާއެކު، މޭޔަރު ކަމުގެ ގޮނޑި އަށް ބޭފުޅަކު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައި އިލެކްޝަނެއް ބާއްވަން ޖެހެއެވެ.
ހުސެއިން ވަހީދު ޓުވިޓާގައި ވިދާޅުވެފައިވަނީ 17 ނޮވެމްބަރު ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ހުސެއިން ވަހީދަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވުމަށްފަހު އެސަރުކާރުގެ ސިޔާސީ އިސް މަޤާމުތަކެއްވެސް ފުރުއްވި ބޭފުޅެކެވެ. އަދި ސިޔާސީ ގޮތުން ހުސެން ހަރަކާތްތެރިވަނީ ޕީޕީއެމް/ޕީއެންސީއާއި އެކުގައެވެ. ނަމަވެސް މޭޔަރު ކަމުގެ މަޤާމަށް ހުސެއިން ނިކުންނަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް އަދި ހާމަ ނުކުރައްވައެވެ. މިހާތަނަށް މާލޭގެ މޭޔަރަކު ކަމުގެ މަޤާމަށް ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވަނީ މިސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޑރ. މުއިއްޒު ފެއްޓެވުމާއެކުގައި މާލޭގެ މެޔަރު ކަމުގެ މަސްއޫލިއްޔަތު އެމަނިކުފާނު ވަނީ ޑެޕިއުޓީ މެޔަރު އަހުމަދު ނަރީޝްއަށް ހަވާލުކުރައްވާފައެވެ. އެހެންކަމުން ވަގުތީ ގޮތުން މެޔަރުގެ ހުރިހާ ޒިންމާއެއް އަދާކުރައްވަމުން ގެންދަވަނީ ނަރީޝްއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންނަކީ މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ބުރުގައި މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވައިފައެވެ. ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ.
ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ދެމެދުގައި ވަނީ ދެވަނަ ބުރެއް ބާއްވައިފައެވެ. ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓް ހޯއްދަވައިފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އަންނަ ޖަނަވަރީމަހުގެ 17ގެ ކުރިން ބާއްވަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެއިންތިޚާބެއް ބާއްވަން ޖެހެއެވެ.