ކެބިނެޓް އެކުލަވާލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ އިހްތިޔާރެއް ކަމަށާއި އެއަށް ބޭފުޅުން ލިސްޓް ހަދާފައި ފޮނުވުމަކީ އޮންނަ ގޮތެއް ނޫން ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ކެބިނެޓް އެކުލަވާލުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރެއް ކަމަށެވެ. ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުން ހިމެނޭ ލިސްޓެއް އެހެން ބޭފުޅުން ފޮނުވުމަކީ އޮންނަ ގޮތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރަން ބޭނުންފުޅުވާ މީހުންގެ ލިސްޓެއް ފޮނުއްވި ކަމަށް އަޑުތައް ފެތުރޭތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ.
"އަޅުގަނޑަށް އެނގިފައެއް ނެތް ރައީސް ޔާމީން ލިސްޓެއް ފޮނުއްވި ކަމެއް ވެސް އަދި ފޮނުއްވާފައި އެއާ ދޭތެރޭގައި ޑރ. މުއިއްޒު އެއަށް އެއްޗެއް ވިދާޅުވި ކަމެއް ވެސް." ޕީއެންސީގެ ޗެއާމަން ކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އިންތިހާބުކޮށްފައި ވަނީ މުއިއްޒެވެ. މުއިއްޒު، ރައްޔިތުން ކުރިމައްޗަށް ވަޑައިގެން ވައުދުތައް ވެވަޑައިގެންނެވި އިރު، މުއިއްޒަށް މަސައްކަތްޕުޅު ކުރެއްވޭނީ އެ ވައުދުތައް ފުއްދެވުމަށް އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ވާން ޖެހޭނީ އެއީ ރައީސުލްޖުމްހޫރިއްޔާ %100 އިތުބާރު އޮތް ކެބިނެޓަކަށް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ އިންތިހާބީ ރައީސް ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ. ދެން އެ ގެންދެވުމުގައި އެމަނިކުފާނު މަޝްވަރާ ކުރައްވަން ޖެހޭ ފަރާތްތަކަކާ މަޝްވަރާ ކުރައްވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.