އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ސުވާލު އުފެދޭ ހުކުމަކާއިއެކު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ އެމަނިކުފާނަށް ކުރަމުންދާ އަނިޔާއަށް ރައްޔިތުންގެ ހައްގުގައި ކެތްތެރިކަމާއި ސާބިތުކަމާއި އެކުގައިކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ބައްދަލްވުމަށް މިއަދު ފުރުސަތު ދީފައިނުވާ މައްސަލާގައި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއަދުގެ ބައްދަލްވުމަށް ވަކީލުންނަށް ފުރުސަތު ނުދިނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހުށަނާޅާ ކަމަށް ބުނެ އެވެ. މިއީ މީގެ ކުރިން އެއްވެސް ބައްދަލްވުމަކަށް ކުރިމަތިކުރި ޝަރުތެއް ނޫނެވެ. ވަކީލުންގެ ބައްދަލްވުމަށް ދިއުމުން ކަރެކްޝަނުން ވަނީ ސިޓީއެއް ހަވާލުކޮށްފައެވެ. އެ ސިޓީގައި ބައްދަލް ނުކުރެވޭ ސަބަބެއް ކަމަށް ބުނެފައިވަނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހުށައަޅާފައި ނުވުމެވެ.
މިކަމާއި ގުޅިގެން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީމި ސަރުކާރުން ބަލަމުންދަނީ އެއްގޮތުން ނުވެއްޖިއްޔާ އަނެއްގޮތުންވެސް ރައީސް ޔާމީނަށް އަނިޔާ ދިނުމަށްކަމަށެވެ.
އެއްގޮތެއް ނެތިއްޔާ އަނެއް ގޮތުންވެސް މިބަލަނީ ރައީސް ޔާމީންއަށް ކޮންމެވެސް ގޯނާއެއް ކުރަން. އިންޝާﷲ ރައީސް ޔާމީން ހުންނެވީ ކުރާ އަނިޔާއަށް ކެތްތެރިވެ ސާބިތުކަމާއިއެކު.
– މުހައްމަދު ސައީދު ވިދާޅުވިއެވެ.
މީގެ ކުރިން ކޯޓުން އަންގައިގެންވެސް ވަކީލުންގެ ބައްދަލްވުންތައް އިންތިޒާމު ކޮށްދޭން ޖެހުނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ނުފެށިގެން އުޅެނީވެސް ދެ ދައުވާ އާ ގުޅޭ ލިއުންތައް ދިރާސާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިނުދެވިގެންނެވެ.
އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކޮށްފައިވާ ހުކުމާއި، އަދި މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން މިހާތަނަށްވެސް ސިއްރުކޮށް، ލިޔުންތައް ފޯރުކޮށް ނުދީ ކުރިއަށް ގެންދަނީ ވަރަށް ނާއިންސާފުން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނަށް ކޮށްފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑު އެހުމުގައި ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ