އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ޕީޕީއެމްގެ ރައީސް ރައީސް ޔާމީނާއި އެއްވެސް މައްސަލައެއް ނެތްކަމަށާއި، އެންމެ އެދެވޭ ގޮތަކަށް މަޝްވަރާ ކުރެވޭނެ މާހައުލެއް މިވަގު ނެތް ނަމަވެސް ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވެމުން ދާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ ރައީސް ޔާމީނާއި ޑރ. މުއިއްޒާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް މިވަގުތު އޮތް ޤާނޫނީ ހާލަތާއިއެކު ބައްދަލުވުންތައް ބޭއްވުމަށް އެންމެ އެދެވޭ މާހައުލެއް ނެތް ނަމަވެސް މިހާރުވެސް އެކި ކަންކަމުގައި ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވެމުން ދާކަމަށެވެ.
ރައީސް ޔާމީނާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު ހަމަ އެއްވެސް މައްސަލައެއް ނެތް. އެހެން ނަމަވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ކުރިން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވާނެ އެންމެ އެމަނިކުފާނު ހިންހަމަ ޖެހިވަޑައި ގަންނަވާ ގޮތަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށް. އެކަމުގެ މައިގަނޑު ސަބަބީ ރައީސް ޔާމީންވެސް މިވަގުތު ހުންނެވި ޤާނޫނޫ ހާލަތު. އަދި ހަމަ އެހެންމެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާވެސް އިންތިޤާލީ މަސައްކަތް ފެށިގެން ވަރަށް ގިނަ ޑިޕްލޮމެޓުންނާއި އަދި ވަރަށް ގިނަ އެކި ބޭފުޅުންނާއި ބައްދަލުވުމުގެ މަސައްކަތް ކުރިއަށް ދިއުމުގެ ތެރޭގައި ދިމާވި ވަގުތުގެ ދަތިކަންވެސް އެބައޮތް.
– ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސާއި، ރައީސް ޔާމީންގެ މަޝްވަރާތައް އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމުގައި އޮތް ދަތިކަމަށް ހައްލު ތަކެއް ލިބިގެންގޮސް މަޝްވަރާތައް އެންމެ ބޭނުންވާ ގޮތަށް ކުރެވޭނެ މާހައުލެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރު އެގޮތަށް މަޝްވަރާ ނުކުރެވުނު ނަމަވެސް މުހިންމު ކަންކަމުގައި މަޝްވަރާ ކުރެވެމުންދާކަމަށެވެ.
އިންތިޚާބީ ރައީސް ވިދާޅުވެފައިވަނީ އެންމެ ހިތްހަމަ ޖެހިވަޑައި ގަންނަވާ ގޮތަށް އަދި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވައޭ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ބައްދަލު ކުރެވި ވާހަކަ ދެކެވިފައިވޭ.
– ފިރުޒުލް ވިދާޅުވިއެވެ.
ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން ދައުލަތުން އެދިގެން ހައި ކޯޓުން އާދީއްތަ ދުވަހުވެސް ވަނީ ކެންސަލްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެ މަނިކުފާނު މިހާރު ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެ މަނިކުފާނުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.
ކޮމެންޓު ފޮނުވާ