މިސަރުކާރުގައި ކޮރަޕްޝަން ގިނައީ، ހުށަހެޅޭނެ މަގު ފަހިވެފައި އޮތުމުން: ރައީސް

މިސަރުކާރުގައި ކޮރަޕްޝަން ގިނައީ، ހުށަހެޅޭނެ މަގު ފަހިވެފައި އޮތުމުން: ރައީސް

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2020 09:30
0

މިސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރު ވެފައިވަނީ ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި، ބޭއްވި ހަފްލާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ދިވެހިރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއްކަމަށެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދިޙައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއްކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ޤާއިމްކުރި ޕޯރޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މިބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށާއި، ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އެމް.އެން.ޑީ.އެފަށާއި، ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރިކަމަށެވެ.

އޭގެ ތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުން. އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައި. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭ.ސީ.ސީއަށް ބަލައިގެންފައި. އަދި ޖިނާއީ ތުހުމަތު އެކުލެވޭމައްސަލަތައް މިގެންދަނީ ފުލުހުންނާ ޙިއްޞާކުރަމުން.

– ރައީސް ޞާލިހު ވިދާޅުވިވެއެވެ.

މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުންކަމަށާއި އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން އެބަވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ.

– ރައީސް ވިދާޅުވިއެވެ.

އަދި މި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާ މެދު، އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދަކަމަށެވެ. އަދި ޕޯރޓަލްއިން ފާހަގަވާ ކަންކަމާ މެދު، މުއައްސަސާތަކާ މަޝްވަރާކޮށް ޕޮލިސީ ލެވެލްގަޔާއި، ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިޞްލާޙްތައްވެސް އެބަ ގެންނަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.