ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއިއެކުއެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އެމްޑީޕީގެ 55 މެންބަރުން މަލީހުގައި ތިއްބަވައެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމުގެ ބޭނުމަކީ އިންތިހާބީ ރައީސް ހުވާ ކުރުމަށް ހުރަސް އެޅުން ކަމަށެވެ.
"ބޭނުމަކީ އިންތިހާބީ ރައީސް ހުވާ ކުރުމުގެ ކަންކަމަށް ހުރަސް އެޅުން،" އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ، ރައިސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުގެ ބޭނުމަކީ، މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށްއޮވެ، މަޖިލީހުގެ ރައީސަކަށް ހުންނަވަންޖެހޭނީ އެޕާޓިގެ ބޭފުޅެއްކަމަށްވާތީކަމަށެވެ. އެ މަޤާމަކީ އެޕާޓީއަށް މުހިންމު މަޤާމެއްކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.
އެނގިފައިވާގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ބޭނުންވާ ޢަދަދަށް ސޮއި ވަނީ ހަމަވެފައެވެ.
މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞަލިޙަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ މައްސަލަތައް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓޤސްއިން އެމްޑީޕީއަށް ތާޢިދުކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ