ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަންހެން ބޭފުޅަކު ނުފެނުމުން އަމާޒުވި ފާޑުކުޔުންތަކާއި ގުޅިގެން ހީނާ ވިދާޅުވީ އެބައްދަލުވުމުގައި ބައިވެރިވީ ދެ ޕާޓީގެ ލީޑަރޝިޕްގެ މެދު ބޭފުޅުން ކޮޅެއް ކަމަށެވެ.
އިންތީޚާބީ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެކުލަވާލާފައިވާ ޓްރާސްސިޝަން ކޮމިޓީތަކުގައި ތަފާތު އެކުދާއިރާތަކުން ފަންނީ އަދި ހުނަރުވެރި ގާބިލް ކަނބަލުން ހިމަނާފައިވާކަމަށެވެ. ޑރ.މުއިއްޒުގެ މެނިފެސްޓީގެ ދެވަނައަށް އެންމެ އިސްކަން ދެއްވާ ބަޔަކީ އަންހެނުން ކަމަށާއި އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށެވެ.
ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް. މި ފޮޓޯއަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އެޕޮއިންޓް ކުރުމަށް ބޭއްވި ރަސްމިއްޔާތު. މީގައި ބައިވެރިވީ ދެޕާޓީގެ ލީޑަރުން. އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ދެވަނަ އަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް.
– ހީނާ ވިދާޅުވިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެނީ އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސައްކަތް ކުރުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެއެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން މިކަންކަމަށް އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.