ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް މަސައްކަތްކުރަނީ

ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް މަސައްކަތްކުރަނީ

Author
އައިޝަތު އަޙްމަދު
05 އޮކްޓޯބަރ 2023 01:17
0

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ހުވާ ކުރުމަށް ބާއްވާ ރަސްމިއްޔާތު ޖުމންހޫރީ މައިދާނުގައި ބާއްވަން އެދިވަޑައިގެންފިއެވެ.

އޮންލައިން ނޫސް ވަހުތަށް ޑރ.މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިންޓަރވިއުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނާއި، އެމަނިކުފާނުގެ ނާއިބު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް، ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައިވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް އިންތިޚާބުވެވަޑައިގަންނަވާ ބޭފުޅުން ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކުރާ ޖަލްސާއެއްގައެވެ. ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، އެ ރަސްމިއްޔާތު ފުރަތަމަ ބޭއްވުމަށް މަޖިލީހުން ނިންމަވާފައިވަނީ މަޖިލީހުގެ އިދާރާގައިކަމަށެވެ. ނަމަވެސް ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެގޮތަށް ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެދިވަޑައިގެންނެވިކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ. މުއިއްޒަށް 129،159 ވޯޓު ވަނީ ލިބިފައެވެ. މިއީ ވޯޓުލީ މީހުންގެ %54.04 އެވެ.
އިންތިޚާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %45.96 އެވެ.

މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމަށް ރަސްމިއްޔާތު ބާއްވާފައިވަނީ ގަލޮޅު ދަނޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.